ތަޢުލީމު

ވަރަށްއަވަހަށް ޓެބްލެޓްތައް ސްކޫލްތަކަށް ފޮނުވަން ފަށާނަން - އެޑިއުކޭޝަން މިނިސްޓްރީ


ސްކޫލް ދަރިވަރުންނަށް ބޭނުންވާ ޓެބްލެޓްތައް ވަރަށް އަވަހަށް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ފޯން އިންޓަރވިއުއެއްގައި ޝަފީއު ވިދާޅުވީ، އެކި ޝިޕްމެންޓްތަކަށް ބަހާލައިގެން ޓެބްލެޓް ގެނައުމުގެ މަސައްކަތް ކުރިޔަށްދާއިރު،އޭގެ ބޮޑު ބައެއް މިހާރު ރާއްޖެ ގެނެސްފައިވާކަމަށެވެ.
އަދި ވަރަށް ކައިރި މުސްތަޤުބަލެއްގައި ޓެބްލެޓްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތްފަށާނެކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
ސްކޫލްތަކުގައި ބޭނުންކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ގެންނަނީ " ހުވާވޭ " ބްރޭންޑުގެ މީޑިއާ ޕެޑް ޓީ 3 ޓެބްލެޓެވެ. 8 އިންޗީގޭ އެޗްޑީ ސްކްރީނެއް ހިމެނޭހެން އުފައްދާފައިވާ މި ޓެބްލެޓަކީ ސްކޫލްގައި އުގަންނައިދިނުމަށް އެންމެ އެކަށޭނެ ޓެބްލެޓްކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވިއެވެ.

"
" ހުވާވޭ އަކީ ރަނގަޅު އެސްޓޭބްލިޝްޑް ބްރޭންޑެއް. މި ޓެބްލެޓް އަޅުގަނޑުމެން ހޯދާފައިމިވަނީ ދެ އަހަރު ދުވަހުގެ ވޮރެންޓީއާއެކީގައި. މިއާއެކު އެހެން ބައިވަރު އެހިނެހިން ބައިތައްވެސް ލިބޭގޮތަށް ޓެބްލެތްތައް މި ލިބެނީ. އެއީ ޕްރޮޓެކްޓިވް ކަވަރާއި، ސްކްރީން ކަވަރ އަދި ދަރިވަރުން އެއްޗެއް އަޑުއަހަން ބޭނުންވާނަމަ ހެޑްފޯނާވެސް އެކީގައި ދަރިވަރުންނަށް ޓެބްލެޓް ފޯރުކޮށްދެވިގެންދާނީ. "
އަޙްމަދު ޝަފީޢު

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދެވަނަ ޓަރމްގައި ކިޔަވައިދޭފަށާއިރު، ދަރިވަރުން ޓެބްލެޓް ބޭނުންކުރަން ފަށާނެކަމަށެވެ. މިކަމަށް ތައްޔާރުވުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މުދައްރިސުން މިކަމަށް އަހުލުވެރިކުރުވުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން މުދައްރިސުންނަށް ޢަމާޒުކޮށްގެން މިކަމަށް ޚާއްޞަ ތަމްރީންތަކެއް ކުރިޔަށްގެންދިޔަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ސްކޫލްތައް ޑިޖިޓަލައިޒްކުރުމުގެ މަޝްރޫޢުގެ ދަށުން، ދަރިވަރުންނަށް ބޭނުންވާ ޓެބްލެޓް ގެންނަނީ މެކްސްކޮމް ޓެކްނޮލޮޖީއާއި ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން ހަތްދިހަ ހާހަށްވުރެ ގިނަ ޓެބްލެޓް ގެނައުމަށްވަނީ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.