ތަރައްްޤީ

ނުހައްޤުން އެއްވެސް މީހަކަށް ފުލެޓެއް ނުދެން - މިނިސްޓަރ މުޢިއްޒު


ސަރުކާރުގެ ސޯޝަލް ހައުސިންގ މަޝްރޫޢުގެ ތެރެއިން އެއްވެސް މީހަކަށް ނުހައްޤުން ފުލެޓެއް ނުދޭކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ ޕީއެސްއެމް ނިއުސްއިން ގެނެސްދިން ޚާއްޞަ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފުލެޓްތައް ދޫކުރީ ބެލެންހުރި ހުރިހާ ގޮތަކުން ބަލައި ކަށަވަރު ކުރުމަށްފަހު ކަމަށެވެ. އަދި މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލިއިރު އޮޅުވާލަން ބައެއް މީހުން މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އެކަން ފަހުން ހޯދާފައިވާކަމަށެވެ.

"
"އަޅުގަނޑުމެންނަށް ބެލޭނެ އެންމެ ރަނގަޅަކަށް އެބަ ބަލަން. އަދި ނުވިތާކަށް ގޭގެއަށް ގޮސްވެސް އެބަ ބަލަމޭ. އަޅުގަނޑުމެންނަށް މިފެންނަނީ ބައެއް ފަރާތްތަކުން، ގޭގެއަށް ގޮސްގެން މިބަލާބެލުމަށް، އެވަގުތު ކޮޅުގެ ތެރޭގައި މި ބަލާބެލުންވެސް އޮޅުވާލުމަށްޓަކާ ކަންކަން އެބަކުރޭ."
ޑރ.މުޙަންމަދު މުޢިއްޒު

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މިނިސްޓްރީން ގެންގުޅުނީ ފްލެޓް ކަށަވަރުވި މީހުންގެ އެންމެ ލިސްޓެއް ކަމަށާއި ލީކް ކޮށްލައިގެން ކަމަށްބުނެ ފެތުރި ލިސްޓަކީ އާއްމުކުރި ލިސްޓުގައި ހުރި މީހުންގެ މަޢުލޫމާތުތައް ބޭނުންކޮށްގެން ހަދާ ފައިވާ ފޭކް ލިސްޓެއްކަމަށެވެ.

"
"މިނިސްޓްރީގެ ޑޭޓާ ބޭސްގައި، އަދި އަޅުގަނޑުމެންގެ ލިޔެ ކިޔުންތަކުގައި އޮންނާނީ އެންމެ ލިސްޓެއް. އެހެންވީމާ ލީކުވާކަށެއް ތަނުގައި ނެތް އެއްޗެއް ނޯންނާނެ. އެހެންވީމާ އެއީ ފެބްރިކޭޓެޑް އެއްޗެއް. ޓޯޓަލީ ފެބްރިކޭޓެޑް އެއްޗެކޭ"
ޑރ.މުޙަންމަދު މުޢިއްޒު

މިނިސްޓަރ ވިދާޅުވީ މިނިސްޓްރީން ގެންގުޅުނު ލިސްޓު ރަސްމީކޮށް ވާނީ އިއުލާންކޮށްފަ ކަމަށާ އިއުލާންކޮށް މީހުންނާއި އެގްރީމަންޓް ހަދާ ހިސާބަށް ދިއުމުން މީހުންނަކީ ކޮންބައެއްކަން އެނގޭނެ ކަމަށެވެ. އަދި އެގޮތަށް ލިސްޓެއް ނެރުމަކީ ސަރުކާރުން އިޚްލާސްތެރި ކަމާއެކު ކުރާ ކަންކަމާމެދު ރައްޔިތުންގެ މެދުގައި ޝައްކު އުފައްދަން އިދިކޮޅު ފަރާތްތަކުންކުރާ ކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
އެންމެ ފަހުން ސަރުކާރުން ހަވާލުކުރި ސޯޝަލް ހައުސިންގ ޔުނިޓްތަކަކީ މިހާތަނަށް އެންމެ އަގު ހެޔޮކޮށް ދޫކުރި ފްލެޓްތަކެވެ. ދެ ކެޓަގަރީއަކަށް ބަހާލައިގެން 2 ކޮޓަރިއާއި 3 ކޮޓަރި ހިމެނޭ މި ފްލެޓްތަކަށް މަހަކު 6،000 ރުފިޔާ ދައްކަންޖެހޭއިރު ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަންޖެހެނީ 25،000 ރުފިޔާއެވެ.