ޚަބަރު

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ފައިނަލަށްދިޔަ ބައިވެރިން ކަށަވަރުވެއްޖެ


ދިވެހި ރާއްޖޭގެ އަޑުން ކުރިއަށްގެންދާ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ފައިނަލަށް ދަތުރުކުރި ތިން ބައިވެރިން ކަށަވަރުވެއްޖެއެވެ.
މިމުބާރާތުގައި މިދިޔަ ހަފްތާގައި ކުރިއަށްގެންދިޔައީ އެހުންތެރިންނަށް ގުޅައިގެން ލައިވްކޮށް ކުރިއަށްގެންދާ ޕްރޮގްރާމް ހެދުމުގެ ބައެވެ.
2016 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތަކީ ހުނަރުވެރި ރޭޑިއޯ ޕްރެޒެންޓަރުން އުފައްދައި އެދާއިރާއަށް އިތުރަށް ކުރިއަށް ދެވެންހުރި ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކާ ކުރިއަށްގެންދާ ބުމާބާރާތެކެވެ.
މިއަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރުކުރި ތިން ބައިވެރިނަކީ އަބްދުﷲ އަހުޝަމާއި ސާޖިދާ ޢަބްދުލްމަޖީދާއި އައިމިނަތު ލިޝާން ޢަލީއެވެ. ޖަޖުން ކޮންމެ ހަފްތާއަކު ހޮވާ ޕްރެޒެންޓަރ އޮފް ދަ ވީކް ލިބުނީ އަހުޝަމްއަށެވެ. މި މަޤާމް 3 ފަހަރު މިމުބާރާތުގައި ހޯދައި އަހުޝަމްވަނީ ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ މުޅި ތާރީޚްގައިވެސް މިމަޤާމް އެންމެ ގިނައިން ހޯދި ބައިވެރިޔާއަށްވެފައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން މުބާރާތުގެ ބައިވެރިންވަނީ މުބާރާތާމެދު އެމީހުންގެ ޝުޢޫރު ފާޅުކޮށްފައެވެ.
މިމުބާރާތްކުރިއަށް ގެންދަނީ ޖަޖުންގެ ފަސްދޮޅަސް އިންސައްތަ މާކްސްއާއި ސާޅީސް އިންސައްތަ ވޯޓު އެއްކޮށްގެން ޕޮއިންޓް ލިބޭ ގޮތަށެވެ. 10 ބައިވެރިންނާ އެކު ފެށި މި މުބާރާތުގައި ފައިނަލަށް ދަތުރުކުރި 3 ބައިވެރިން ކަށަވަރުވީ ކޮންމެ ހަފްތާއަކު ބައިވެރިއަކު ވަކިވަމުން ގޮހެވެ. މިމުބާރާތުގެ ފައިނަލް އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ދިވެހި ރާއްޖޭގެ އަޑުން ބުނެއެވެ. މިދާއިރާއަށް ހުނަރުވެރި މީހުން ބިނާކުރުމަށް ކުރިއަށްގެންދާ މިމުބާރާތުގައި އެއްވަނަ ޙާސިލްކުރާ ބައިވެރިޔަކަށް ވިހިހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.