ދުނިޔެ

ޖިންސީ ގޯނާކުރުމުގެ މައްސަލައެއް އދ އިން ނުބެލި މައްސަލަ ފެންމަތިވެއްޖެ


އދގެ އިސް އޮފިޝަލަކު އެޖަމްޢިއްޔާގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރުމުން އެކަން ނުބަލާ ދޫކޮށްލި މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެއިޑްސްއަށް ހޭލުންތެރިކުރުމަށް މަސައްކަތްކުރާ ޔޫއެންއެއިޑްސްގައި ޕޮލިސީ އެޑްވައިޒަރެއްގެ ގޮތުން މަސައްކަތްކުރި މާޓިނާ ބްރޮސްޓްރަމް ތުހުމަތުކުރަނީ، އދގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނަރަލް އަދި ޔޫއެން އެއިޑްސްގެ ޑެޕިއުޓީ އެގްޒެކްޓިކް ޑިރެކްޓަރ ޑރ. ލުއިޒް ލޯރޭޒް އޭނާއަށް ޖިންސީ ގޯނާކުރިކަމަށެވެ.

ބްރޮސްޓްރަމް ތުހުމަތުކުރާ ގޮތުގައި ޑރ. ލުއިޒް އޭނާއަށް ޖިންސީ ގޯނާކުރަން މަސައްކަތްކުރީ 2015 ވަނަ އަހަރު ތައިލެންޑުގައި އޮތް ކޮންފަރެންސެއްގެ ތެރެއިންނެވެ. މިގޮތުން އެމީހުން ތިބި ހޮޓަލުގެ ލިފްޓު ތެރޭގައި ގަދަކަމުން އޭނާގެ ގަޔަށް އަތްލައި ހަދާ، ލުއިޒްގެ ކޮޓަރިއަށް ގެންދަން މަސައްކަތްކުރިކަމަށް ބްރޮސްޓްރަމް ތުހުމަތުކުރެއެވެ.
އެހާދިސާ ކުރިމަތިވުމުން އޭނާގެ ގާތް މީހުން ގާތު އެވާހަކަ ބުނިކަމަށާއި ނަމަވެސް ރަސްމީކޮށް މައްސަލަ ނުޖެއްސީ އެކަމުގެ ސަބަބުން އޭނާއަށް ކުރިމަތިވެދާނެ ނުރައްކަލަށް ބަލާފައިކަމަށް އަންހެން މީހާ ބުންޏެވެ. ނަމަވެސް ޔޫއެންއެއިޑްސް ޕްރޮގްރާމްގެ އެގްޒެކްޓިވް ޑައިރެކްޓަރ މިޝޭލް ސިދިބޭއަށް ރަސްމީކޮށް އެމައްސަލަ ހުށަހެޅީ، އޭނާއަށް ޖިންސީ ގޯނާކުރި މީހާގެ ދަށުން މަސައްކަތްކުރަންޖެހޭ ގޮތަށް މަސައްކަތަށް އައި ބަދަލަކުންކަމަށް އަންހެން މީހާ ބުންޏެވެ.
އަންހެން މީހާ ތުހުމަތުކުރާ ގޮތުގައި ޔޫއެންއެއިޑްސް ޕްރޮގްރާމްގެ އެގްޒެކްޓިވް ޑައިރެކްޓަރވެސް މަސައްކަތްކުރީ އޭނާއަށް ޖިންސީ ގޯނާކުރި މީހާ ސަލާމަތްކުރުމަށެވެ. އެގޮތުން އެމައްސަލަ "އޮތްބާލުމަށް" އޭނާގެ ކިބައިން އެދުނުކަމަށް ބްރޮސްޓްރަމް ބުނެއެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި ވަޒީފާގެ ކުރިއެރުމެއް ދިނުމަށް ޔޫއެންއެއިޑްސް ޕްރޮގްރާމްގެ ވެރިޔާ ހުށަހެޅިކަމަށްވެސް ބްރޮސްޓްރަމް ތުހުމަތުކުރެއެވެ.
14 މަސް ދުވަހަށް ދެމިގެންދިޔަ ތަހުޤީޤުގެ ރިޕޯޓުގައިވާ ގޮތުން އދގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނަރަލް ޑރ. ލުއިޒްގެ އެއްވެސް ކުށެއް ނެތެވެ. ބްރޮސްޓްރަމްއަށް ޖިންސީ ގޯނާކުރިކަމަށް ބުންޏަސް އެކަން ސާބިތުކޮށްދެވޭ ވަރުގެ ހެއްކެއް ނެތްކަމަށްވެސް ރިޕޯޓުގައިވެއެވެ.

އދއިން ބުނާގޮތުން އެމައްސަލަ ތަހުޤީޤްކޮށްފައިވަނީ ހަމަޖެހިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މިމައްސަލައިގެ ތަހުޤީޤުކުރިއަށްދާ ގޮތާއި މެދު ހިތްހަމަނުޖެހިގެން އދގެ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓާރޭސްއަށް ހަތަރު ފަހަރެއްގެ މަތިން ރަސްމީކޮށް ހުށަހެޅިކަމަށްވެސް ބްރޮސްޓްރަމް ބުންޏެވެ. ނަމަވެސް އެކަމަށް އެއްވެސް ޖަވާބެއް ނުލިބޭކަމަށް އޭނާ ބުންޏެވެ.
އދގެ އޮނިގަނޑު ރޭވިފައި އޮންނަ ގޮތުން ޔޫއެންއެއިޑްސް ޕްރޮގްރާމްގެ ވެރިން އައްޔަނުކުރުމަކީ ސެކްރެޓަރީ ޖެނަރަލަށް އޮންނަ ބާރެއް ނަމަވެސް، މިފަދަ ތަހުޤީޤްތަކާއި އެތަނުގެ މަސައްކަތް ބަލަހައްޓާ އިސް ފަރާތަކީ ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއެވެ. އެހެންކަމުން އެފަދަ މައްސަލަތަކާ ބެހުމުގެ ބާރެއް އދގެ ސެކްރެޓަރީ ޖެނަރަލަށް ނޯންނަކަމަށް އދގެ ސެކްރެޓަރީ ޖެނަރަލްގެ ޑެޕިއުޓީ ސްޕޯކްސްޕާސަން ވިދާޅުވިއެވެ.

ޔޫއެންއެއިޑްސްގައި މަސައްކަތް ކުރި އެހެން އަންހެނަކުވެސް ވަނީ، ޑރ. ލުއިޒް އޭނާއަށްވެސް ޖިންސީ ގޯނާކުރަން މަސައްކަތްކުރިކަމަށް ތުހުމަތުކޮށްފައެވެ. އަދި މިހާރުވެސް އދގެ މަސައްކަތްކުރާ، އެކަމަކު ނަން ހާމަކުރުމަށް ނޭދޭ އަންހެނަކުވެސް ވަނީ ޑރ.ލުއިޒް އޭނާއަށްވެސް ޖިންސީ ގޯނާކުރަން އުޅުނުކަމަށް ތުހުމަތުކޮށްފައެވެ.
ނަމަވެސް މިހުރިހާ ތުހުމަތެއް ޑރ. ލުއިޒް ދޮގުކުރެއެވެ. އޭނާ ބުނާގޮތުން އޭނާއާ ބެހޭ ގޮތުން ދައްކާ ވާހަކަތަކުގެ އެއްވެސް ހަޤީޤަތެއް ނެތެވެ.

ޔޫއެންއެއިޑްސްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ، ޑރ. ލުއިޒް ދަންނަ މީހަކު ބުނީ އޭނާގެ އަމަލުތައް ހުންނަ ގޮތް އދގައި މަސައްކަތްކުރާ މީހުންނަށް ރަނގަޅަށް އެނގޭކަމަށެވެ. ނަމަވެސް އަންހެނުންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަކީ އދއިން ސީރިއަސްކޮށް ނަގާ ކަމެއް ނޫންކަމަށް އެޖަމްޢިއްޔާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކުން ބުނެއެވެ. އަދި އެމައްސަލަތައް ނުބަލަނީ އެމައްސަލަތަކުގެ ސަބަބުން އދގެ އަގު ވެއްޓޭނެތީކަމަށްވެސް އެޖަމްޢިއްޔާގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ފަރާތްތަކުން ބުނެއެވެ.