ކުޅިވަރު

ވަރލްޑްކަޕުން މިފަހަރު އިނގިރޭސި ރެފްރީއަކަށް ޖާގައެއް ނެތް!


ޖޫންމަހު ރަޝިޔާގަ އޮންނަ ވޯލްޑްކަޕުން އިނގިރޭސި ރެފްރީންނަށް ފުރުސަތު ނުދީ، މުބާރާތުގައި ރެފްރީންގެ ޓީމް ފީފާއިން އިއުލާންކޮށްފިއެވެ.
ފީފާއިން އިއްޔެ އިއުލާންކުރި ވަރލްޑްކަޕްގައި އިންސާފުކުރާ ރެފްރީންގެ ލިސްޓުގައި އިނގިރޭސިވިލާތުގެ އިތުރުން ސްކޮޓްލެންޑް، ވޭލްސް އަދި ނޯދަން އަޔަލެންޑްގެ ރެފްރީއެއްވެސް ނުހިމެނެއެވެ.
މިފަހަރު ވަރލްޑްކަޕަށް އިންސާފުކުރުމަށް 36 އޮފިޝަލަކަށް ފީފާއިން ވަނީ ފުރުސަތުދީފައެވެ. އަދި އެސިސްޓެންޓް ރެފްރީންގެ ގޮތުގައި 63 އޮފިޝަލަކު ފީފާއިން ވަނީ ހޮވާފައެވެ. މުބާރާތުގައި މިފަހަރު އަލަށް ތައާރަފްކުރާ ވީޑިއޯ އެސިސްޓެންޓް ރެފްރީންނަށް ފީފާއިން ފުރުސަތުދޭނީ މުބާރާތަށް އެކުލަވާލާ ޕޫލްގެ ތެރެއިން ކަމަށް ފީފާއިން ވަނީ ބުނެފައެވެ. މިއީ ވޭތުވެދިޔަ 80 އަހަރުގެ ތެރޭގައި ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުން އިނގިރޭސި ރެފްރީއަކަށް ފުރުސަތު ނުދިން ފުރަތަމަ ފަހަރެވެ. 1950 ވަނަ އަހަރުގެ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުން ފެށިގެން މަދުވެގެން އިނގިރޭސި ވިލާތުގެ އެއް ރެފްރީއަކަށް ފީފީއަން ވަނީ ފުރުސަތުދީފައެވެ.
އެންމެފަހުން ބޭއްވި ދެ ވަރލްޑްކަޕްގައި ވެސް އިނގިރޭސިވާލުގެ ހަމައެކަނި ރެފްރީއެއްގެ ގޮތުގައި ފީފާއިން ފުރުސަތުދީފަވަނީ ހޮވާޑް ވެބަށެވެ. ވެބް ވަނީ 2010 ވަނަ އަހަރުގެ ވަރލްޑްކަޕްގެ ފައިނަލުމެޗުގައި އިންސާފުކޮށްފައެވެ. އަދި އެންމެފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އިންސާފުކުރުމަށްފަހު ވެބް ވަނީ ރިޓަޔަރ ކޮށްފައެވެ.