ތަރައްްޤީ

"ގަލްފް ރިއަލް އެސްޓޭޓް އެވޯޑް 2018"ގައި އެޗް.ޑީ.ސީއަށް ފާހަގަކޮށްލެވޭ ކާމިޔާބީއެއް


"ގަލްފް ރިއަލް އެސްޓޭޓް އެވޯޑް 2018" ގައި ދިވެހިރާއްޖޭގެ ފަރާތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީސީން ވާދަކުރި ކެޓެގަރީން ތިންވަނަ އެކުންފުންޏަށް ލިބިއްޖެއެވެ.
ގަލްފް ރިއަލް އެސްޓޭޓް އެވޯޑަކީ ޢިމާރާތްކުރުމުގެ ދާއިރާއިން، ޙާއްސަކޮށް ރިއަލް އެސްޓޭޓް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް، ދުނިޔޭގެ ފެންވަރުގައި ދެމުން އަންނަ ފާހަގަކޮށްލެވޭ އެވޯޑެކެވެ. އަދި މިއީ ގަލްފް ރީޖަނުގައިދޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މި އެވޯޑު ދިނުމުގެ މައިގަނޑު މަޤްސަދުތަކުތެރޭގައި، ޢިމާރާތް ކުރުމުގެ ދާއިރާއިން ކުންފުނިތަކުން ކުރަމުން އަންނަ މަސައްކަތް ބަލައިގަންނަކަން ހާމަކޮށްދިނުމާއި، ޢިމާރާތްކުރުމުގެ ދާއިރާގައި ކުރިއަރާފައިވާ ކުންފުނިތަކާއި، ބައްދަލުވެ އެމީހުންގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތުލިބި، މިދާއިރާ އިތުރަށް ތަރައްޤީކުރުން ހިމެނެއެވެ.
މި އެވޯޑުގެ ތިންވަނަ އެޑިޝަން މިމަހުގެ 20 އިން 21 އަށް ދުބާއީގައި ބާއްވާފައިވާއިރު، މިފަހަރުގެ އެވޯޑުގައި އެޗް.ޑީ.ސީން ވާދަކޮށްފައިވަނީ ބެސްޓް ރިއަލް އެސްޓޭޓް ޕްރޮޖެކްޓްގެ މާސްޓަރ ޕްލޭންގެ ކެޓެގަރީންނެވެ. މި ކެޓަގަރީގައި އެޗް.ޑީ.ސީން މަސްޓާރ ޕްރޮޖެކްޓެއްގެ ގޮތުގައި ހުށައަޅާފައިވަނީ މުޅި ހުޅުމާލެއަށް ގެނެސްފައިވާ ތަރައްޤީއެވެ. ބެސްޓް ރިއަލް އެސްޓޭޓް ޕްރޮޖެކްޓްގެ މަސްޓަރ ޕްލޭންގެ ކެޓެގަރީން ފައިނަލިސްޓުންގެ ގޮތުގައި ނޮމިނޭޓްވެ، ތިން ވަނަ އެޗް.ޑީ.ސީން ހާސިލްކޮށްފައިވަނީ ރިއަލް އެސްޓޭޓް ވިޔަފާރީގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ 69 ކުންފުންޏަކާ ވާދަކޮށްގެންނެވެ. މީގެ ތެރޭގައި ބަޙްރެއިން، ކުވަޢިތު، ސަޢުދީ ޢަރަބިއްޔާ، ޔޫ.އޭ.އީ، މިޞްރު އަދި އިންޑިއާގެ ކުންފުނިތައްވެސް ހިމެނެއެވެ.
މި އެވޯޑަށް އެޗް.ޑީ.ސީން ހުށައަޅާފައިވާ ޕްރެޒެންޓޭޝަންގައި ހުޅުމާލެ މާސްޓަރ ޕްލޭނާއި، ހުޅުމާލޭ ތަރައްޤީކުރުމަށް އެކުލަވާލަމުން އަންނަ ޕްލޭންތަކާއި، ހުޅުމާލެއަށް ތަރައްޤީ ގެނައުމަށް މަސައްކަތް ކުރަމުންދާ އެކިއެކި ވިޔަފާރި ކުންފުނިތަކާއި، ހުޅުމާލޭ ތަރައްޤިކުރުމަށް ބޭނުންކޮށްފައިވާ އެކިއެކި އުފެދުންތެރި ގޮތްތަކާއި ގުޅޭ މަޢުލޫމާތު ވަނީ ހިމަނާފައެވެ.
ޒުވާނުންގެ ސިޓީގެ ގޮތުގައި ހުޅުމާލެ ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ބާރު ދުވެލީގައި ކުރަމުންދާއިރު، އެޗް.ޑީ.ސީން އަންނަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ބޮޑެތި ކުންފުނިތަކުގެ ޝަޢުގުވެރިކަން ރާއްޖެއަށް އިތުރުކޮށް، ވަކިން ޙާއްސަކޮށް ހުޅުމާލޭގައި އެ ފަރާތްތަކަށް ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތަކާގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރުމަށް ތަފާތު އެކްސްޕޯތަކާއި، އެގްޒިބިޝަންތަކުގައި ބައިވެރިވަމުންނެވެ. އެގޮތުން ފްރާންސްގެ ކޭންސްގައި ދާދިފަހުން ބޭއްވި އެމް.އައި.ޕީ.އައި.އެމް އެވޯޑުގައިވެސް އެޗް.ޑީ.ސީން ބައިވެރިވެ، ހުޅުމާލޭގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޔޫރަޕްގެ ޤައުމުތަކަށް ވަނީ މަޢުލޫމާތު ހިއްސާކޮށްފައެވެ.