ކުޅިވަރު

ހަތް ލަނޑު ވަނުމުން ބްރެޒިލް އޮތީ ވަރަށް ބޮޑަށް މޯޓިވޭޓްވެފައި: ޖަރުމަނު ކޯޗު


އެންމެ ފަހުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ޖަރުމަނު އަތުން 7-1އިން ބްރެޒިލް ބެލިވެފައިވާތީވެ އެ ނަތިޖާގެ ސަބަބުން ބްރެޒިލް ޓީމު މިހާރު އޮތީ ވަރަށް ވަރުގަދަ އަޒުމަކާއެކުގައި ކަމަށް ޖަރުމަނުގެ ކޯޗު ޖޯހިމް ލޯ ބުނެފި އެވެ.
2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ޖަރުމަނަށް ކާމިޔާބުކޮށްދިން ކޯޗު މިހެން ބުނީ ބްރެޒިލް އަތުން އިއްޔެރޭ ޖަރުމަނު 1-0އިން ބަލިވުމުންނެވެ. މިއީ ވޯލްޑް ކަޕަށް ފަހު މި ދެ ގައުމު ބައްދަލުކުރި ފުރަތަމަ ފަހަރެވެ.
"އެމީހުން ވަރަށް ބޮޑަށް މޯޓިވޭޓްވެފައިވަނީ. އެމީހުން މޮޅަކަށް ވަރަށް ބޭނުންވެފައިތިބީ. ބްރެޒިލްގެ ފަރާތުން ފެނިގެންދަނީ ވަރަށް ވަރުގަދަ އަޒުމެއް. އެމީހުން މިހާރު ވެސް ވޯލްޑް ކަޕުގެ ފެވަރިޓް ޓީމަކަށް ވެއްޖެ،" ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ހަމައެކަނި ގައުމާ ބެހޭ ގޮތުން ލޯ ބުންޏެވެ.
ރަޝިޔާގައި އަންނަ ޖޫން މަހު ބާއްވާ ވޯލްޑް ކަޕުގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮންނާނީ ވެސް ޖަރުމަނާއި ބްރެޒިލާ ދެމެދު އެވެ. މިހާތަނަށް ޖަރުމަނު ހަތަރު ފަހަރު ތަށި ހޯދާފައިވާއިރު މި ފަހަރު ތަށި ލިބިއްޖެނަމަ ބްރެޒިލްގެ ރެކޯޑާ ހަމަހަމަވާނެ އެވެ.
ނަމަވެސް ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް ބުނީ ޖަރުމަނުގެ މީހުުންނާއި ދުނިޔެ ގަބޫލުކުރާހާ ޖަރުމަނު ޓީމު މޮޅުނޫން ކަމަށެވެ.
"މީހުން ހީކުރާހާ އަހަރުމެން މޮޅެއްނޫން. އަހަރުމެން އެބަޖެހޭ ނަތީޖާ ރަނގަޅު ކުރަން ވަރަށް ބޮޑަށް ޓީމު ރަނގަޅު ކުރަން. ވޯލްޑް ކަޕަށް އަހަރުމެން ޓީމު ރަނގަޅަށް ތައްޔާރުވާނެ ކަމަށް ގަބޫލުކުރަން،" ރެއާލް މެޑްރިޑުގެ މިޑްފީލްޑަރު ބުންޏެވެ.