ކުޅިވަރު

ޕްރެޝަރާހުރެ މެސީއަށް ވަނީ ހުނަރު ދައްކާލަން ދަތިވެފައި


ކުރިމަތިވަމުން އަންނަ ތަފާތު ޕްރެޝަރުތަކާކުރެ އާޖެންޓީނާގެ ޤައުމީ ޓީމުގައި ކެޕްޓަން ލަޔޮނަލް މެސީއަށް އޭނާއަށް ލިބިފައިވާތީ ހުނަރު އެންމެ ފުރިހމައަށް ދައްކާލަން ދަތިވެފައިވާ ކަމަށް އާޖެންޓީނާއިން ބުނެފިއެވެ.
ޤައުމީ ޓީމުގެ ކޯޗު ޖޯޖް ސަމްޕޯލީ ބުނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި 10 އަހަރު ހުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. ނަމަވެސް މެސީ އެކަން ކޮށްފި ކަމަށާއި، ޤައުމީ ޓީމުގައި މޮޅަށް ނުކުޅެވެނީ ބޭކާރު ޕްރެޝަރާހެދި ކަމަށެވެ.
"އެންމެންވެސް ދެކެނީ މެސީ (މި އަހަރު ރަޝިޔާގައި ބާއްވާ) ވޯލްޑް ކަޕް ހޯދަން ޖެހޭ ކަމަށް. އެއީ މަޖުބޫރު ކަމެއްކަމަށް ދެކޭ މީހުން ވަރަށްގިނަ. މިފަދަ ތަފާތު ޕްރެޝަރުތަކުގެ ސަަބަބުން ކުޅުންތެރިޔާއަށް އޭނާގެ އަމިއްލަ ހުނަރު ދައްކާލަން ދަތިވާނެ،" ސަމްޕޯލީގެ ކޯޗިންއާ ބެހޭ ގޮތުން އޭނާ ނެރޭ ފޮތުގައި މެސީ އަށް ތައުރީފް ކުރަމުން ބުނެފައިވެ އެވެ.
ސްޕޭނާ ދެކޮޅަށް މިރޭ އާޖެންޓީނާ ކުޅޭ މެޗުގައި މެސީ ކުޅޭނެކަމުގެ ޔަޤީންކަން ވެސް ސަމްޕޯލީވަނީ ދީފަ އެވެ. އޭނާ ބުނީ ހާނިއްކައިގެ ސަބަބުން މެސީ ކުރީ މެޗުގައި ނުކުޅެ ހުއްޓަސް މިރޭގެ މެޗުގައި ކުޅޭނެ ކަމަށާއި، ކުޅުންތެރިޔާ މުޅީން ފިޓް ކަމަށެވެ.
"ނުކުޅެވޭ ފަދަ ކަމެއް ދިމާވެއްޖެނަމަ އަހަރުމެން ބުނާނަން. މެސީ ވެސް ހުރީ މި މެޗުގައި ކުޅެން ތައްޔާރަށް،" ކޯޗު ބުންޏެވެ.
ސްޕޭން ލީގުގައި މިދިޔަ 12 އަހަރު ކުޅުނު މެސީ ވެސް ވަނީ މި މެޗުގައި ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ.