ޚަބަރު

ފަނޑިޔާރުންގެ ޗުއްޓީ ސުޕްރީމް ކޯޓުން ހަމަޖައްސާ އުސޫލު އުވާލައިފި


ހައިކޯޓާއި ދަށުކޯޓްތަކުގެ ފަނޑިޔާރުންގެ ޗުއްޓީ، ސުޕްރީމް ކޯޓުން ހަމަޖައްސާގޮތަށް އޮތް އޮތުން އުވާލައިފިއެވެ.
ސުޕްރީމް ކޯތުން އާދީއްތަ ދުވަހު ނެރެފައިވާ ޢާންމު ސިޓީއެއްގައިވަނީ، ދަށުކޯޓްތަކާއި، ހައިކޯޓްގެ ފަނޑިޔާރުނަށް ޗުއްޓީއަށްދެވޭނީ ސުޕްރީމް ކޯޓުން ހުއްދަ ހޯދައިގެންކަމަށް ބަޔާންކޮށް އެކޯޓުން ނެރެފައިވާ ޢާންމު ސިޓީ އުވާލާފައެވެ.
ފަނޑިޔާރުން ޗުއްޓީ ނެގުމާގުޅޭގޮތުން ސުޕްރީމްކޯޓުން އަލަށް އެކުލަވާލި އުސޫލުގައިވާގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓްގެ އިސްފަނޑިޔާރާއި، ސުޕީރިއަރ ކޯޓްތަކުގެ އިސްފަނޑިޔާރުންނާއި، ޖުޑީޝަލް ދާއިރާތަކުގެ އިސްމެޖިސްޓްރޭޓުންނަށް ޗުއްޓީ ދޭނީ ސުޕްރީމް ކޯޓުންނެވެ. އަދި ހައިކޯޓްގެ އިސްފަނޑިޔާރު ފިޔަވައި ދެންތިއްބެވި ފަނޑިޔާރުންނަށް ޗުއްޓީދޭނީ ހައިކޯޓްގެ އިސްފަނޑިޔާރު ކަމަށާއި، ސުޕީރިއަރ ކޯޓްތަކުގެ ޤާޟީންނަށް ޗުއްޓީދޭނީ އެކޯޓެއްގެ އިސްފަނޑިޔާރުންކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން، މެޖިސްޓްރޭޓް ކޯޓްތަކުގެ ތެރެއިން އެއްމެޖިސްޓްރޭޓަށްވުރެ ގިނައިން ތިބޭނަމަ އެކޯޓެއްގެ މެޖިސްޓްރޭޓުންނަށް ޗުއްޓީދޭނީ އެކޯޓެއްގެ އިސްމެޖިސްޓްރޭޓްކަމަށް ކަނޑައަޅާފައިވެއެވެ. އަދި އެއްމެޖިސްޓްރޭޓުން ތިބާ ކޯޓްތަކުގެ މެޖިސްޓްރޭޓުންނަށް ޗުއްޓީދޭނީ، އެކޯޓް ހިމެނޭ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މީގެކުރިން ފަނޑިޔާރުންގެ ޗުއްޓީގެ އެންމެހައިކަންކަން ހަމަޖައްސަނީ ސީދާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންނެވެ. ފަނޑިޔާރުންނަށް ޗުއްޓީ ދިނުމުގެ ކަންކަން ކަނޑައެޅިފައިވާ ފަރާތްތަކުން ހަމަޖައްސަންވާނީ، ކޯޓްތަކުގައި ތާވަލްކުރެވި ހިނގަމުންދާ މައްސަލަތަކަށް ބުރޫ ނާރާގޮތަށްކަމާށް ސުޕްރީމް ކޯޓުން ވަނީ ޝަރުޢީ ހުރިހާ ކޯޓްތަކަށް އަންގާފައެވެ.