ސިއްހަތު

ޓައިނީ ހާރޓްސްގެ ފީޓަލް ހާރޓް މަސައްކަތު ބައްދަލުވުން ފަށައިިފި


އުފެދުމުގައި ދިމާވާ ހިތުގެ މައްސަލަތައް ދެނެގަތުމުގެ ނިޒާމު ހަރުދަނާ ކުރުމަށް، ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްއިން ރޭޑިއޮލޮޖިސްޓުންނަށް ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.

"ފީޓަލް ހާރޓް ވޯކްޝޮޕް"ގެ ނަމުގައި ކުރުނބާ މޯލްޑިވްސްގައި ބާއްވާ މި މަސައްކަތު ބައްދަލުވުމަކީ އަމިއްލަ ޖަމުއިއްޔާއެއް ކަމަށްވާ ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްއިން އިންޑިއާގެ އަމްރިތާ ހޮސްޕިޓަލާއި ޤައުމީ ހެލްތް އިންޝޯރަންސް ކުންފުނި، އާސަންދައިގެ އެހީތެރިކަމާއެކު ބާއްވާ ބައްދަލުވުމެކެވެ.

މާލޭގައި މަސްކަތްކުރާ ރޭޑިއޮލޮޖިސްޓުންނަށް ޚާއްޞަކޮށް ކުރިޔަށް ގެންދާ މި މަސައްކަތު ބައްދަލުވުމުގައި އައިޖީއެމްއެޗް، އޭޑީކޭ އަދި ހުޅުމާލޭ ހޮސްޕިޓަލް ހިމެނޭހެން 19 ރޭޑިއޮލޮޖިސްޓުން ބައިވެރިވެއެވެ. ޓައިނީ ހާރޓްސްއިން ބުނީ މިވޯކްޝޮޕަކީ އުފެދުމުގައި ހުންނަ ހިތުގެ އުނިކަން ދެނެގަތުމުގެ ނިޒާމު މިހާރަށް ވުރެ ހަރުދަނާކުރުމަށް އެހީތެރިވުމަށް ކުރިއަށް ގެންދާ ބައްދަލުވުމެއް ކަމަށެވެ.

"މިއަދު ބޭއްވި ވޯކްޝޮޕްގެ އެންމެ ބޮޑު އެއް މަޤްސަދަކީ އަޅުގަނޑުމެން ސެންޓްރަލް ލެވެލްއެއްގައި، ނުވަތަ މާލޭގެ މައި ހޮސްޕިޓަލްތަކުގައި އާންމު ގޮތެއްގައި މިމަސައްކަތްކުރާ ޑޮކްޓަރުންނާ އެކު މިވޯކްޝޮޕް ކުރިޔަށް ގެންދިއުމުން އުންމީދު މިކުރަނީ މިބޭފުޅުން ވެދެއްވާނޭ އަޅުގަނޑުމެންގެ އެންބެޒެޑާޒްއަށް. އަތޮޅުތެރޭގައި މަސައްކަތްކުރާ ޑޮކްޓަރުންނަށް ބޭނުންވާ ތަމްރީނާ، ލަފަޔާ އިރުޝާދު ދޭނެ ފަރާތްތަކަކަށް. އަދި މިކަހަލަ މައްސަލަތައް ފާހަގަވެއްޖެ ހާލަތުގައި އެކުގައި މަސައްކަތްކުރާ ވިއުގާއެއް ޤައިމްވެގެންދާނެކަމަށް އުންމީދުކުރަން." ޖީހާން މަހުމޫދު ވިދާޅުވިއެވެ.

މަސައްކަތު ބައްދަލުވުމުގައި މަޢުލޫމާތު ދެއްވާ ބޭފުޅުންގެ ތެރޭގައި ވޭތުވެދިޔަ 10 އަހަރު މަސައްކަތްކޮށްފައިވާ، އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގެ ޕީޓިއެޓްރިކް ކާރޓިއޮލޮޖިސްޓް ޑރ ބާލޫ ވައިދުޔަނަތަނުގެ އިތުރުން ރާއްޖޭގެ ތަޖުރިބާކާރު ޑޮކްޓަރުން ހިމެނެއެވެ.

މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީޓިއެޓްރިކް ކާރޓިއޮލޮޖިސްޓް ޑރ. ބާލޫ ވައިދުޔަނަތަން ވިދާޅުވީ އުފެދުމުގައި ހިތުގެ މައްސަލަތައް ހުންނަ ކުދިންގެ އަދަދު ރާއްޖޭގައި އިތުރުވަމުންދާ ދަނޑިވަޅުގައި މިދާއިރާއިން ހަރުދަނާ ކުރުމަށް މިފަދަ ވޯކްޝޮޕްތައް މުހިންމުކަމަށެވެ. އަދި ރާއްޖޭގައި މިހާރުވެސް ހަރުދަނާ ސިއްޚީ ނިޒާމެއް ޤާއިމްކޮށްފައިވާއިރު، އުފެދުމުގައި ހިތުގެ މައްސަލަތައް ހުންނަ ކުދިންނަށްދޭ ފަރުވާގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރަންޖެހޭ ކަމަށެވެ.

ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްގެ ޗެއަރ ޕާރސަން ޑރ އަސީލް ޖަލީލުވަނީ އުފެދުމުގައި ހިތުގެ އުނިކަން ހުންނަ ކުދިންނަށް އެހީތެރިވުމަށް ޓައިނީ ހާރޓްސްއިން ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައިކޮށްފައިވާ މަސައްކަތް ފާހަގަކޮށްފައެވެ. މިގޮތުން ޓައިނީ ހާރޓްސްއިން އިންތިޒާމްކޮށް ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގައި 1000 ވުރެ ގިނަ ކުދިން ސްކްރީން ކޮށްފައިވާއިރު، 58 ކުއްޖެއްގެ ސާރޖަރީ ހަދާ، އިތުރު ކުދިންގެ ސިއްޚީ ފަރުވާއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ޓައިނީ ހާޓްސް އިން ބުނެއެވެ.