ކުޅިވަރު

ކޮންމެ މަގާމަކަށް ކުޅުވިޔަސް މައްސަލައެއްނެތް: ކުޓީނިއޯ


ބާސެލޯނާގައި އޭނާ ލައްވާ ކޮންމެ މަޤާމަކަށް ކުޅުވިޔަސް މައްސަލައެއްނެތް ކަމަށް ބްރެޒިލްގެ މިޑްފީލްޑަރު ފިލިލް ކުޓީނިއޯބުނެފިއެވެ.

ޤައުމީ ޓީމާއި ލިވަޕޫލްގައި ދެ ވަނަ ފޯވަޑެއްގެ ގޮތުން ކުޅުނު ކުޓީނިއޯ މިދިޔަ ޑިސެމްބަރު މަހު ބާސެލޯނާއަށް ބަދަލުވި ފަހުން އޭނާ ލައްވައި ކުޅުވަމުންދަނީ ދެ ފަރާތުގެ އަރިމަތިން ކުރިއަށެވެ.

"އަހަރެންގެ މަައްސަލައެއްނެތް ކޮންމެ މަޤާމަކަށް ކުޅުވިޔަސް. ކޯޗަށް އެނގޭނީ އަހަރެން ލައްވައި ކުޅުވާނެ މަޤާމް. އަހަރެންނަށް ދިން ކޮންމެ ރޯލެއް ވެސް އަދާކުރާނަން،" ދުނިޔޭގެ ދެ ވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ބާސެލޯނާއަށް ދިޔަ ކުޓީނިއޯ ބުންޏެވެ.

ރަޝިޔާ ކޮޅަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ބްރެޒިލަށް ލަނޑުޖަހައިދިން ކުޓީނިއޯ ބުނީ އޭނާ އަކީ ގިނަ މަޤާމުތަކަށް ކުޅެވޭ މީހަކަށްވުމުން އޭނާގެ ފައިދާ ބާސެލޯނާ އާއި ބްރެޒިލްގެ ޤައުމީ ޓީމަށް ވެސް ކުރާނެ ކަމަށެވެ. އަދި މަޑުމަޑުން އޭނާ އަންނަނީ ބާސެލޯނާގެ ސްޓައިލަށް ހޭނެމުން ކަމަށެވެ.

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނީ ކުޓީނިއޯ އަކީ ވަރަށް ބޭނުންތެރި ކުޅުންތެރިއެއް ކަމަށާއި، އޭނާ ލައްވައި މިވަގުތު ކުޅުވަނީ ޓީމަށް އެންމެ ފައިދާހުރި މަޤާމުތަކަށް ކަމަށެވެ.