ކުޅިވަރު

އާޖެންޓީނާ ކޮޅަށް ސްޕެއިނުން 6 ލަނޑު!


އާޖެންޓީނާ ކޮޅަށް ހަ ލަނޑު ޖަހާ، ސްޕެއިނުން އާޖެންޓީނާ ލަދުގަންނަވާލައިފިއެވެ.
ރޭ ކުޅުނު ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗު ސްޕެއިން ކާމިޔާބުކުރީ 6-1 ނެވެ. މެޗަށްފަހު އާޖެންޓީނާގެ ކޯޗު ސަމްޕޯލީ ބުނީ މިއީ އޭނާ އެއްވެސް ވަރަކަށް އުއްމީދުކުރި ނަތީޖާއެއްނޫންކަމަށާއި، އާޖެންޓީނާ ވޯލްޑްކަޕަށް ތައްޔާރުވާން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން މި މެޗުން އެނގިއްޖެކަމަށެވެ. ސަމަޕޯލީ ބުނީ މެސީއަށް މެޗުގައި ނުކުޅެވުނީ އޭނާގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާ އެއްކޮށް ރަނގަޅުނުވާތީކަމަށާއި، މެސީ ނެތަސް އާޖެންޓީނާ މިހާ ދަށްކޮށް ބަލިވާނެކަމަށް ހީ ނުކުރާކަމަށެވެ.
ސްޕެއިންގެ ކޯޗު މެޗަށްފަހު ތައުރީފު އޮއްސާލީ ރޭގެ މެޗުގައި ހެޓްރިކް ހެދި މިޑްފިލްޑަރ އިސްކޯއަށެވެ. ކޯޗު ލޮޕޭޓެގޫ ބުނީ އިސްކޯ ޤައުމީ ޓީމާއިއެކު މި ދައްކާ ކުޅުމުގެ ސަބަބުން ކުލަބު ލެވެލްގައިވެސް އޭނާއަށް ގިނަ ފުރުސަތު ލިބޭނެކަމަށް އުއްމީދުކުރާކަމަށެވެ. މި ނަތީޖާއަކީ ވޯލްޑްކަޕަށް ކުރިމަތިލާން ރަނގަޅު ހިތްވަރެއްކަމަށްވެސް ކޯޗު ފާހަގަކުރިއެވެ. ކޯޗު ލެޕޭޓެގޫއާއިއެކު ސްޕެއިން އެންމެ ފަހުން ކުޅުނު 18 މެޗުން ބަލިވެފައި ނުވާއިރު އޭނާގެ އުއްމީދަކީ ވޯލްޑްކަޕްގައިވެސް މި ރެކޯޑް ދެމެހެއްޓުންކަމަށް ކޯޗު ބުންޏެވެ.