ކުޅިވަރު

ގއ.އަތޮޅުގެ ޗެމްޕިއަންކަން ކޮނޑޭ ހޯދައިފި


އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގއ.އަތޮޅުގެ ޗެމްޕިއަންކަން ކޮނޑޭ ހޯދައިފިއެވެ.
ކޮނޑޭ ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގެ ދެ ލެގުވެސް ވިލިނގިއްޔާ ވާދަކޮށް ކުރި ހޯދައިގެންނެވެ. އިއްޔެ ހަވީރު ކުޅުނު ދެވަނަ ލެގު ކޮނޑޭ ކާމިޔާބުކުރީ 3-0 ލަނޑުންނެވެ. ކޮނޑޭ ގއ.އަތޮޅު ޗެމްޕިއަންކަން ހޯދުމުން ޒޯންބުރަށް އެޓީމު ވަނީ ކޮލިފައިވެފައެވެ. މުބާރާތުގެ ޒޯން ހަތެއްގައި ވާދަކުރާނީ ގއ. ޗެމްޕިއަން ކޮނޑޭގެ އިތުރުން، ގދ.ގެ ޗެމްޕިއަން ޓީމެވެ.
އިއްޔެ މުބާރާތުގެ ޒޯން ދޭއްގެ ފައިނަލުގެ ފުރަތަމަ ލެގު މާޅެންދޫއާ ވާދަކޮށް 7-1 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ށ.ފޯކައިދޫއެވެ. މާޅެންދޫގައި ކުޅުނު މެޗުގައި ފޯކައިދޫން ޖެހި ހަތް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމްގެ ޔުކްރެއިންގެ ކުޅުންތެރިޔާ ރަޑިއޮނޯވް ޔެވެގެންއެވެ. މުޅި މެޗުގައި ގިނަ ހަމަލާތަކެއް އުފައްދާ ޑޮމިނޭޓްކޮށްގެން ކުޅުނު ށ.ފޯކައިދޫން ވަނީ މެޗުގައި މޮޅު ކުޅުމެއްދައްކާފައެވެ. މިދެޓީމް ވާދަކުރާ ފައިނަލުގެ ދެވަނަ ލެގު ކުޅޭނީ ހޮނިހިރު ދުވަހު ށ.ފޯކައިދޫގައެވެ.
އިއްޔެ މުބާރާތުގެ ޒޯން ފަހެއްގައި ކުޅުނު މެޗު ފ.ނިލަންދޫ އާއި ވާދަކޮށް ދ.މީދޫ ވަނީ އެއް ލަނޑު ސުން ލަނޑުން ކާމިޔާބުކޮށްފައެވެ. މިދެޓީމް ވާދަކުރާ ފައިނަލު މެޗު ހުކުރުދުވަހު ފ.ނިލަންދޫގައި ކުޅޭނެއެވެ. އިއްޔެ ހޯދި މޮޅާއެކު މީދޫ ވަނީ ޒޯން ބުރުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ނުވަ ޕޮއިންޓް ހޯދާފައެވެ. ނިލަންދޫއަށް ދެވަނަ ލިބެނީ ހަ ޕޮއިޓާއެކުއެވެ.
އިއްޔެ ކ.އަތޮޅުގައި ހިތްމަފުށްޓާ، ހުރާ ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.