ކުޅިވަރު

" ދަނޑަށް ދިޔައީ އުއްމީދެއް ނެތި، ފުރުޞަތު ދިނުމުން ހެދީ ހެޓްރިކް "


ރޭގެ މެޗުގައި ގިނަ ގޯލްތަކެއް ކާމިޔާބުކޮށް، މޮޅު ކުޅުމެއް ދެއްކުނީ ކޯޗު ބުނިބަސް އަހާ، ކުޅުންތެރިން ހިތްވަރާއެކު މަސައްކަތް ކުރުމުން ކަމަށް ޤައުމީ ޓީމުގެ ފޯވާޑް ނާއިޒް ހަސަން (ދާދު) ބުނެފިއެވެ.

އޭއެފްސީ އޭޝިޔަން ކަޕް ކޮލިފައިންގައި ރޭ ބޫޓާން ކޮޅަށް ހަތަރު ލަނޑު ޖެހި ނާއިޒް ޕީއެސްއެމް ސްޕޯޓްސްއިން ކުރި ސުވާލަކަށް ޖަވާބުދެމުން ބުނީ، ރޭގެ މެޗުގައި ކޯޗު އެންމެ ބޭނުންވި ކުޅުން ނުދެއްކޭ ކަމަށާއި، އެހެންނަމަވެސް ޓީމު މޮޅުވުމުން ހިތްހަމަ ޖެހޭކަމަށެވެ. ނާއިޒް ބުނީ ޓީމް ތެރޭގައި ވީ ކަންތައްތަކުގެ ސަބަބުން ޓީމަށް އަރާނެކަމުގެ އެއްވެސް ޔަޤީންކަމެއް ކުރިން ނެތް ކަމަށެވެ. އަދި ރޭގެ މެޗުން ފުރުސަތު ލިބޭނެކަން އެނގުނީވެސް ދަނޑަށް ދިޔަފަހުން ކަމަށް ނާއިޒް ބުންޏެވެ.

"ވަރަށް ހިތްހަމަޖެހޭ ކޯޗު ބުނި ބަސްއަހައިގެން ކުޅެ، މޮޅު ކުޅުމެއް ރޭގެ މެޗުގައި ދެއްކުނީމަ. އަސްލު ޓީމުގެ ހުރިހާ ކުޅުންތެރިން ކުރި ހިތްވަރު ފެނިގެން މި ދިޔައީ. އަސްލު އެންމެ ބޭނުންވާ ކުޅުމެއް ނޫން ރޭގެ މެޗުގައި ދެއްކުނީކީ. ކުރިޔަށް އޮތް ތާނގައި މިއަށްވުރެ ރަނގަޅު ކުރާނަން." ނާއިޒް ބުންޏެވެ.

ނާއިޒް ބުނީ ރޭގެ މެޗުގައި ހަތަރު ގޯލު ޖެހޭނެ ކަމަށް އުއްމީދުވެސް ނުކުރާކަމަށާއި، އަބަދުވެސް މަސައްކަތް ކުރާނީ ކުރިޔަށް ވުރެ ރަނގަޅު ކުޅުމެއް ދެއްކުމަކަމަށެވެ. ރޭގެ މެޗުގައި ނާއިޒް ހެދި ހެޓްރިކަކީ ޤައުމީ ޖަރޒީގައި އޭނާ ހެދި ފުރަތަމަ ހެޓްރިކްވެސްމެއެވެ.

މެޗަށް ފަހު އޮން ނޫސްވެރިން ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޤައުމީ ޓީމުގެ ކޯޗު ޕީޓަރ ސެގާޓް ބުނީ، ނާއިޒް އަކީ ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގު ކަމަށާއި، ނާއިޒް ފަދަ ކުޅުންތެރިންނާއެކު ކޯޗެއްގެ ގޮތުގައި ކުރިޔަށްދާން ބޭނުންވާކަމަށެވެ.