ކުޅިވަރު

ބޫޓާން އަތުން ލިބުނު ބޮޑު މޮޅަކީ އަޝްފާޤާއި، އައްސަދުގެވެސް މޮޅެއް - ކޯޗު


ބޫޓާން އަތުން މޮޅުވި ނަތީޖާ ރަނގަޅު ނަމަވެސް ރާއްޖެއަކީ މިއަށްވުރެވެސް ރަނގަޅު ނަތީޖާތަކެއް ނެރެވޭނެވަރުގެ ޓީމެއްކަމަށް ޤައުމީ ޓީމްގެ ކޯޗް ޕީޓާ ސެގާޓް ބުނެފިއެވެ.

ރޭ 7-0 ލަނޑުން ބޫޓާން ބަލިކުރި މެޗަށްފަހު ޤައުމީ ކޯޗް ބުނީ ރޭގެ މެޗުގެ ފުރަތަމަ ހާފްގައި އުދަނގޫތަކެއް ދިމާވިކަމަށާއި، ދެވަނަ ހާފުގައި ގިނަ ގޯލްތަކެއް ޖެހުނީ ކުޅުންތެރިން ހިތްވަރު އެލުވާނުލައި ކުރި މަސައްކަތުން ކަމަށެވެ. ކޯޗް ވަނީ ރޭގެ މޮޅު އަލީ އަޝްފާގާއި އައްސަދު އަލީ އަށް ހާއްސަކޮށްފައެވެ. ކޯޗު ބުނީ އެ ދެކުޅުންތެރިންނަކީ އަދިވެސް ޓީމްގެ ބައެއްކަމަށެވެ. ކޯޗު ބުނީ މި މެޗަށް ކުޅުންތެރިން ތައްޔާރުކުރުމަށް އުނދަގޫތަކެއް ދިމާވިކަމަށާއި، ޒުވާން ކުޅުންތެރިން މިކަހަލަ މެޗަކަށް މެންޓަލީ ތައްޔާރުވާން ބެލިއިރު، ހާލަތު އެހާ ރަނގަޅު ނޫންކަމަށެވެ. އެހެންނަމަވެސް އެ ކުޅުންތެރިންނަށް މިކަންވާނެކަން ރޭ ދައްކައިދީފިކަމަށާއި، ހުރިހާ ޝުކުރެއް އޮތީ ކުޅުންތެރިންގެ ބުރަ މަސައްކަތަށް ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ.

" 7-0، އަހަރެން ދެކޭގޮތުގަ ރަނގަޅު، އެކަމަކު އަހަރުމެންނަށް އެއަށްވުރެ ގިނައިން ހޯދޭނެ. ފުރަތަމަ ހާފުގަ މައްސަލަތައް ހުރި، ޕެނަލްޓީއެއް ގެއްލުނު، ހުރިހާ ކަމެއްވެސް ދިމާވަމުންދިޔައީ އަހަރުމެންނާ އިދިކޮޅަށް. އެކަމަކު މި ކުޅުންތެރިން ވަރަށް ކުޅަދާނަ، ހިތްވަރު އެލުވާނުލާ މަސައްކަތް ކުރި، މި މޮޅަކީ އަޝްފާގާއި އަޑޭގެވެސް މޮޅެއް " ކޯޗު ބުންޏެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމަށްދާން އިންކާރުކުރުމުން ކޯޗު ވަނީ އަޝްފާގު ޓީމުން ވަކިކޮށްފައެވެ.

އަދި އެންމެ ފަހުން މެޗުތަކުގައި ކެޕްޓަންކަން ކުރި އަސްއަދު އަލީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލީ، އަކްރަމަށް ކެޕްޓަން ބޭންޑް ދޭން ކޯޗު ނިންމިފަހުންނެވެ.