ކުޅިވަރު

ބޫޓާން ކޮޅަށް ދާދު 4 ލަނޑު، ޒުވާން ކުޅުންތެރިން އުއްމީދު އާކޮށްދީފި!


ބޫޓާން ކޮޅަށް ޒުވާން ފޯވާޑް ނާއިޒު ހަސަން (ދާދު) ޖެހި 4 ގޯލާއެކު 7-0 ން ބޫޓާން ބަލިކޮށް، ޒުވާން ކުޅުންތެރިން ދިވެހި ފުޓްބޯޅައަށް އުއްމީދެއް ގެނެސްދީފިއެވެ.

އޭޝިޔަންކަޕް ކޮލިފައިންގެ ފަހު މެޗުގައި މިރޭ އަމިއްލަ ދަނޑުގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގައި ދާދު 4 ލަނޑުވެސް ޖެހީ ދެވަނަ ހާފްގައެވެ. މިއީ ޒުވާން ކުޅުންތެރިޔާ ޤައުމީ ޖަރޒީގައި ހެދި ފުރަތަމަ ހެޓްރިކެވެ. ފާއިތުވި ތިން ސީޒަންގައި ޓީސީގައި މޮޅަށް ކުޅުމަށްފަހު، މިއަހަރު މާޒިޔާއަށް ބަދަލުވެ އޭނާގެ ކުރީގެ ކުޅުން ކްލަބްގައި އަދި ނުދެއްކުނު ނަމަވެސް މިރޭގެ މެޗުގައި ދާދު ވަނީ ތަފާތު ދައްކާފައެވެ. މިމެޗަށް ތައްޔާރުވާން ސިންގަޕޫރާ ވާދަކުރަން އެޤައުމަށް ކުރި ދަތުރުންވެސް ފުރުޞަތު ނުލިބުނު ކުޅުންތެރިޔާއަކީ އޭރުވެސް ކޯޗު ޕީޓަރ ސެގާޓް ބޭނުންވި ކުޅުންތެރިއެކެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހާ ފުރަތަމަ ހާފްގައި ރާއްޖެއަށް ކުރި ހޯދައިދިނީ ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ. އޭގެ ކުރިން އަލީ ފާސިރު (ސެންޓޭ ) އަތުން ވަނީ ޕެނަލްޓީއެއް ބޭކާރުވެފައެވެ. ސެންޓޭ ފޮނުވާލި ޕެނަލްޓީ ގޯލާ އަމާޒެއް ނުވިއެވެ. މިއާއެކު އެންމެ ފަހުން ސެންޓޭ ޖެހި ދެ ޕެނަލްޓީވެސް ވަނީ ނާކާމިޔާބުވެފައެވެ. ލީގުގައި އީގަލްސް ކޮޅަށް ސެންޓޭ ޖެހި ޕެނަލްޓީވެސް ވަނީ ނާކާމިޔާބުވެފައެވެ.

ފުރަތަމަ ހާފްގައި ނަތީޖާގެ ފަރަޤު ބޮޑު ނުކުރެވުމުން، ދެވަނަ ހާފްގައި ކޯޗު ވަނީ ސެންޓޭއާއި ހަމްޕުގެ ބަދަލުގައި އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އާއި ރިހާމް އަބުދުލްޣަނީ (ބޮބީ) ކުޅެން ނެރިފައެވެ. މިދެކުޅުންތެރިންގެ މޮޅު ކުޅުމާއެކު ދިވެހި ޓީމްގެ އަނެއް ދެ ލަނޑު ޖެހީ ޓީސީގެ ޒުވާން މިޑްފީލްޑަރ އިބްރާހީމް ވަހީދު ހަސަންއާއި، ހުސެއިން ސިފާއު ޔޫސުފެވެ. މިއީ ޒުވާން ދެ ކުޅުންތެރިންވެސް ޤައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. އަދި ޒުވާން ޑިފެންޑަރ ސިފާއު ޤައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗަކީވެސް މިއީއެވެ. ދެވަނަ ހާފްގައި ދިވެހި ޓީމުން ޖެހި ލަނޑުތަކުގައި މުޙިއްމު ދައުރެއް އަދާކުރީ އިބްރާހީމް މަހުދީއެވެ.

ޓީމްގެ އާކެޕްޓަން އަކްރަމް އަބުދުލްޣަނީއާއި، ތަޖުރިބާކާރު މިޑްފީލްޑަރ މުޙައްމަދު އާރިފް (ބަކާ) ވަނީ މެޗުގައި ޒުވާން ކުޅުންތެރިން ގޮވައިގެން ލީޑަރޝިޕް ދައްކާފައެވެ. މިއީ ގިނަ ދުވަސްތަކަކަށްފަހު ބަކާއަށް ޤައުމީ ޓީމުން ފުރުޞަތު ލިބި ކުޅުނު ފުރަތަމަ މެޗެވެ.

މިމޮޅާއެކު ރާއްޖެ ގްރޫޕް ސްޓޭޖް ނިންމާލީ ދެ ލެގުގައި ބޫޓާން އަތުން މޮޅުވެ ލިބުނު 6 ޕޮއިންޓާއެކުއެވެ. މިގްރޫޕުން އޭޝިޔަންކަޕަށް ކޮލިފައިވީ ފަލަސްޠީނާއި، އޮމާނެވެ.