ސިއްހަތު

ދަރިވަރުންގެ ޞިއްޙީ ކަންކަމާބެހޭ ބައްދަލުވުމެއްގައި ރާއްޖެ ބައިވެރިވެއްޖެ


ދަރިވަރުންގެ މެދުގައި ދުޅަހެޔޮކަމާއި ހެލިފެލިވެއުޅުމުގެ އާދަކާދަ އަށަގަންނުވައި އާލާކުރުވުމާބެހޭގޮތުން ތައިލޭންޑުގައި ބޭއްވި ބައްދަލުވުމެއްގައި ރާއްޖޭއިން ބައިވެރިވެއްޖެއެވެ.

މިމަހުގެ 26އިން 27 އަށް ތައިލެންޑުގެ ބެންކޮކްގައި ކުރިޔަށް ގެންދިޔަ މިބައްދަލްވުމަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއި، ތައިލޭންޑުގެ ކަމާބެހޭ ފަރާތްތަކުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދިޔަ ބައްދަލްވުމެކެވެ. މިބައްދަލްވުމުގައި ރާއްޖޭގެ އިތުރުން، ސްރީ ލަންކާ، ތައިލޭންޑް، ބަންގްލަދޭޝުގެ ޞިއްޙީ އަދި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ އެކިއެކި މުވައްސަސާތަކާ ޖަމްޢިއްޔާތަކުގެ އޮފިޝަލުން ބައިވެރިވެފައިވެއެވެ. އަދި މިޤައުމުތަކުގެ ސްކޫލްތަކުގައި ދަރިވަރުންގެ މެދުގައި ދުޅަހެޔޮ ކެއުމާއި އެކަމުގެ އާދަކާދަ އިތުރުކުރުމަށް މަސައްކަތްކުރުމަށް ރާވާފައިވާ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ. މީގެއިތުރުން ސްކޫލްތަކުގައި ކިޔަވާކުދިންގެ މެދުގައި ދުޅަހެޔޮ ކާނާއާއި ކަސްރަތުގެ އާދަކާދަ އިތުރުކުރުމަށް ހުރި ދަތިތައް ދެނެގަނެ މިކަންކަމުގެ މައްޗަށް މުހިންމު މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފައިވެއެވެ.

ރާއްޖޭގެ ހެލްތް މިނިސްޓަރްރީއާއި ހެލްތް ޕްރޮޓެކްޗަން އޮތޯރިޓީއާއި ނޭޝަނަލް ކޮމިއުނިކަބަލް ޑިޒީސަސް އެލަޔަންސާއި ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްއާއި ރާއްޖޭގައި ހުންނަ ޑަބްލިއު.އެޗް.އޯގެ އޮފީހުގެ ފަރާތުން މިބައްދަލްވުމުގައި ބައިވެރިވެވަޑައިގަތެވެ.