ޚަބަރު

ފުށިދިއްގަރު ފަޅަށް ލިބުނު ގެއްލުމުގެ ބަދަލަށް 100މިލިއަން ރުފިޔާ


މާލެއަތޮޅު ފުށިދިއްގަރު ފަޅުގެ ފަރުމައްޗަށް ދެ އުޅަނދެއް އުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 100 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އަންގައިފިއެވެ.

ފުށި ދިއްގަރުފަޅުގެ ފަރަށް ދެ އުޅަނދު އުރުނު މައްސަލާގައި އީޕީއޭއިން ޖޫރިމަނާ ކޮށްފައިވަނީ އޭރު އެ ދެ އުޅަނދުގެ ލޯކަލް އެޖެންޓުގެ ގޮތުގައި އޮތް މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑެވެ.

އީޕީއޭއިން ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ މުތާ ރޯޔަލް ޓަގު ބޯޓާއި، މުތާ ގްރޭސް ބާޖު 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފުށިދިއްގަރު ފަރަށް އުރުނު މައްސަލާގައި ކޮށްފައިވާ ޖޫރިމަނާއަކީ ތިމާވެށި ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ކުރެވޭ އެންމެ ބޮޑު ޖޫރިމަނާ ކަމަށާއި އަދި ޖޫރިމަނާގެ ފައިސާ އެއް މަސްދުވަހުގެ ތެރޭގައި ދެއްކުމަށް މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑަށް މިމަހުގެ 14 ވަނަ ދުވަހު އަންގާފައިވާނެ ކަމަށް އީޕީއޭގެ ޢިއުލާނުގައި ވެއެވެ.

އީޕީއޭ އިން ބުނީ، މެއިންލޭންޑް ދެ ބޯޓު ފުންކޮށް ނިމުމުން އެ ސަރަހައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އެ ސަރަހައްދު ބަލައި ސަރވޭކޮށްފައިވާ ކަމަށެވެ. އެގޮތުން ބެލި ބެލުމުން އެ ފަރުގެ 4,370 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.

2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ގައި ފަރަށް އެރި ބާޖު ފުންކުރެވުނީ 2016 ވަނަ އަހަރުގެ މާޗް 23 ގައެވެ. އަދި ޓަގު ބޯޓު ފުންކޮށްފައިވަނީ 2017 ވަނަ އަހަރުގެ މާޗް 14 ގައެވެ.