ޚަބަރު

ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް ކާމިޔާބު


ދިވެހި ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށް ސަރުކާރުން މިވީ މުއްދަތުގެ ތެރޭގައި ކޮށްފައިވާ ހަރުދަނާ މަސައްކަތް ވަރަށް ބޮޑަށް ކާމިޔާބުކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ފެނާއި ނަރުދަމާއާ ބެހޭ ކޮމިއުނިކޭޝަން ސްޓްރެޓެޖީ އިފްތިތާހްކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޠާރިޤް އިބްރާހިމް ވިދާޅުވީ، ރައްޔިތުންނަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށް މި ސަރުކާރުން މިހާތަނަށް ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންގޮސްފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގެންނެވި މާލޭ ހިމެނޭހެން ރާއްޖޭގައި ފެނުގެ ނިޒާމު ޤާއިމްކުރެވިފައި އޮތީ ޖުމްލަ 6 ރަށުގައިކަމަށެވެ. ނަމަވެސް ފެނަކީ އަސާސީ ޚިދުމަތަކަށްވުމާއެކު، ރާއްޖޭގެ ހުރިހާ ރަށަކަށް ރައްކާތެރި ފެން ފޯރުކޮށްދިނުމަކީ މުހިންމުކަމެއް ކަމަށް ދެކިގެން މި ސަރުކާރުން ކުރި މަސައްކަތުން މިހާތަނަށް  ރާއްޖޭގެ 44 އިންސައްތަ އާބާދީއަށް ރައްކާތެރި ފެން ފޯރުކޮށްދެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއަހަރު ނިމޭއިރު 66 އިންސައްތަ އާބާދީއަށް ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަން މިނިސްޓަރ ޠާރިޤް ފާހަގަކުރެއްވިއެވެ. 

ހޫނު މޫސުމުގައި ރަށްރަށުން ފެން ހުސްވާ މައްސަލައަށް އަލިއަޅުއްވާލައްވަމުން އެންވަޔަރަންމަންޓް މިނިސްޓަރ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަމާޒަކީ މިގޮތަށް ފެންގެންދަންޖެހޭ ޖެހުން ނިމުމަކަށް ގެނައުންކަމަށެވެ. އެގޮތުން މިވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި 29 ރަށެއްގައި ވާރޭފެން ރައްކާކުރެވޭނެ އިންތިޒާމް ހަމަޖައްސައިދީފައިވާކަމަށާއި، 61 ރަށެއްގައި ވާރޭފެން ރައްކާކުރެވޭނެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރެވެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިމަސައްކަތް ނިމޭއިރު ރާއްޖޭގެ ބައެއް ރަށްރަށުގައި ހޫނު މޫސުމުގައި ފެނަށް ޖެހޭ މައްސަލަވެސް ހައްލުވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފެނުގެ ޚިދުމަތާއި އެއްވަރަށް ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުތައްވެސް ހަލުއިކަމާއެކު ކުރިއަށްގެންގޮސް 21 ރަށެއްގައި ނަރުދަމާގެ ނިޒާމްޤާއިމްކޮށް ނިމިފައިވާކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ވިދާޅުވިއެވެ.

މިއަދު އިފްތިތާހު ކުރި ފެނާއި ނަރުދަމާއާ ބެހޭ ކޮމިއުނިކޭޝަން ސްޓްރެޓެޖީއަކީ ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީން ކުރިއަށްގެންދާ ތަފާތު ޙަރަކާތްތަކުގެ ތެރެއިން މިދިޔަ އަހަރު ޤައުމީ ފެންވަރުގައި އިފްތިތާހްކުރި "ފެންފަހި ކެމްޕެއިން"ގެ ދަށުން އިތްފިތާހު ކޮށްފައިވާ ސްޓްރެޓެޖީއެކެވެ. މި ރަސްމިއްޔާތުގައި ކޮމިއުނިކޭޝަން ޕްލޭން އިފްތިތާހްކޮށްފައިވާއިރު، ސެކްޓަރގެ މަޢުލޫމާތު އާންމުކޮށް ހާމަކުރުމުގެ ގޮތުން ފެންފަހި ނިއުސް ލެޓަރ އާއި އިންސްޓަރ ގްރާމް ފޮޓޯ ކޮމްޕެޓިޝަނެއްވެސް ވަނީ އިފްތިތާހްކޮށްފައެވެ. އެނަވަރަންމަންޓް މިނިސްޓްރީން ބުނީ މިއަހަރުގެ ފެނުގެ ދުވަހުގެ ޝިޔާރު ކަމުގައިވާ، "ނޭޗަރ ފޮރ ވޯޓަރ" މި ޝިޔާރާއެއްގޮތްވާގޮތަށް އެއްމަސްދުވަހުގެ މުއްދަތަށް އިންސްޓަރގްރާމް ފޮޓޯ ކޮމްޕެޓިޝަން ކުރިއަށްދާނެކަމަށާއި، އެންމެ ރަނގަޅު ފޮޓޯތަކަށް އިނާމުވެސް ލިބިގެންދާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.