ޚަބަރު

ރާޅާ އަޅަން އުޅުނު ޒުވާނަކު މަރުވެއްޖެ


މާލެ އަތޮޅު ތަނބުރުދޫގައި ރާޅާ އަޅަން އުޅުނު 21 އަހަރުގެ ޒުވާނަކު މަރުވެއްޖެއެވެ.

މިއަދު ހަވީރު ހިނގި މިހާދިސާގައި މަރުވެފައިވަނީ އަބްދުﷲ ނާއިލްކިޔާ ޒުވާނެއްކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. އެމްއެންޑީއެފުން ބުނީ ރާޅާ އަޅަން އުޅުނު ނާއިލްގެ ޚަބަރެއް ނުވެގެން އޭނާ ހޯދުމުގެ މަސައްކަތްކުރަމުންދަނިކޮށް، އޭނާ ފެނިފައިވަނީ ތަނބުރުދޫ އިރުމަތީ ފަރާތު ގޮނޑުދޮށުގައި އޮތްވާކަމަށެވެ.

އޭނާ ފެނުނު ވަގުތުން ފެށިގެން ސިއްޙީ ފަރުވާދިންކަމަށާއި އަދި އެމްއެންޑީއެފް ލޯންޗުގައި މާލެ ގެނެސް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. ނާއިލް މަރުވާން ދިމާވި ސަބަބެއް އަދި ނޭނގެއެވެ.

ނާއިލް އަކީ ހިލޭ ސާބަހަށް އެއްވެސް އަގަކާ ނުލާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި މަސައްކަތްކުރަމުންދިޔަ ޒުވާނެކެވެ. އޭނާ ތަނބުރުދޫއަށް ދިޔައީ ޕީއެސްއެމްގެ ޕްރޮގްރާމެއްގެ މަސައްކަތުގައެވެ. އަދި ރަޅާ އަޅަން ނާއިލް ދިޔައީ ޕްރޮގްރާމްގެ މަސައްކަތް ނިންމާލުމަށްފަހު ލިބުނު ހުސް ވަގުތުކޮޅުގައެވެ.

ނާއިލްއަކީ މަސައްކަތަށް އިޚްލާސްތެރި، ފަރުވާތެރި އަދި ހުނަރުވެރި ޒުވާނެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި ނާއިލް ހަރަކާތްތެރިވެފައިވާއިރު އޭނާއަކީ ރާއްޖޭގެ މަޝްހޫރު ސްޓޫޑިއޯއެއްގައި ފްޓޯގްރަފީގެ ދާއިރާގައިވެސް މަސައްކަތްކޮށްފައިވާ ޒުވާނެކެވެ. ނާއިލްގެ ޢާއިލާއަށް ދިމާވެފައިވާ ހިތާމަވެރި މިދަނޑިވަޅުގައި އޭނާގެ ޢާއިލާއަށް ޕީއެސްއެމުން ތައުޒިޔާ ފޮނުވަމެވެ. އަދި އޭނާގެ ޢާއިލާއަށް މިދަނޑިވަޅުގައި ބޭނުންވާ އެންމެހާ އެހީތެރިކަން ޕީއެސްއެމުން ފޯރުކޮށްދޭނެކަމަށް ޕީއެސްއެމްގެ މެނޭޖްމަންޓުން ވިދާޅުވެއެވެ.