ޚަބަރު

ޓްރީޓޮޕް ހޮސްޕިޓަލަށް ދެއްކުމަށް ހިލޭ ފެރީގެ ނިޒާމެއް


ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާ ހޯދާ ފަރާތްތަކަށް ފަސޭހައިން ހުޅުމާލެއަށް ދެވޭނެ ފެރީގެ ނިޒާމެއް އެ ހޮސްޕިޓަލުން ޤާއިމްކޮށްފިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުން ހިލޭ ފޯރުކޮށްދޭ މި ޚިދުމަތް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ވެސް ފޯރުކޮށްދޭނެކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު ހަ ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު މި ފެރީން ދަތުރުކުރެވޭނީ ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހަދާފައިވާ މީހާއާއި އޭނާގެ އެހީތެރިއަކަށް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މި ޚިދުމަތުގެ އިތުރުން ފެރީގައި ހުޅުމާލެއަށް ދިއުމުން ވެހިކަލްގައި ހޮސްޕިޓަލަށް ވެސް އެމީހަކު ގެންގޮސްދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން އާންމުންނަށް ޚިދުމަތްދޭން ފަށާފައިވަނީ މި މަހުގެ ފުރަތަމަ ދުވަހުއެވެ. އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާއިރު، އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ރައްޔިތުންނަށް ޚިދުމަތް ދިނުމަކީ އަމާޒެއްކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އެގޮތުން ޚިދުމަތް އިތުރަށް އަވަސްކުރުމަށް ޚާއްސަ ކާޑެއްވެސް ޓްރީޓޮޕުންވަނީ ތަޢާރަފްކޮށްފައެވެ.