ޚަބަރު

އީދިގަލި ޞަރަޙައްދަށް ކިޔާނެ ޚާއްޞަ ނަމެއް ކަނޑައަޅަނީ


އައްޑޫ ސިޓީ ހިތަދޫގައި ހިމާޔަތްކޮށްފައިވާ އީދިގަލި ޞަރަޙައްދަށް " އައްޑޫ ނޭޗަރ ޕާކް " މި ނަން ކިއުމާމެދު ޢާންމުންގެ ޚިޔާލު ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން ޢާންމުކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ އީދިގަލި ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއިއެކު ކުރެވެމުންދާކަމަށާ، މި ޞަރަޙައްދަކީ އައްޑޫ ސިޓީގެ ފަތުރުވެރިކަމަށް ވަރަށް މުހިންމު ތަނަކަށް ވެގެންދާނެކަމަށެވެ. މިޞަރަޙައްދު ފާހަގަ ކުރުމަށް އާންމުން އެކި ނަން ކިޔައެވެ. އެގޮތުން ކޯއްޓޭ، އީދިގަލި ކިޅި އަދި އީދިގަލި ހިމާޔަތްކޮށްފައިވާ ޞަރަޙައްދު ފަދަ އެކި ނަންތައް މި ޞަރަޙައްދަށް ކިޔާ އުޅެއެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ ޞަރަޙައްދަށް ވަކި ނަމެއް ކިޔަން ކައުންސިލުން ނިންމީ ހިމާޔަތް ކުރެވިފައިވާ މިފަދަ ތަންތަނަށް ކިޔާ ވަކި ނަމެއް އޮތުމަކީ މުހިންމުކަމެއްކަމުގައި ކައުންސިލުން ދެކޭތީކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އާންމުންގެ ޚިޔާލުތައް އީމެއިލް މެދުވެރިކޮށް، [email protected] އަށް ހުށަހެޅުމުގެ ފުރުޞަތު، އަންނަ ހަފްތާގެ ބުދަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ.

ކޯއްޓޭއަކީ 2004 ވަނަ އަހަރު ސަރުކާރުން ހިމާޔަތް ކޮށްފައިވާ ޞަރަޙައްދެކެވެ. އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާކުރުމަށް ހިންގާ އެންމެ ބޮޑު އެއް މަޝްރޫޢަކީ، އީދިގަލި ކިޅި ހިމާޔަތްކޮށް، އެތަން ތަރައްޤީކުރުމުގެ މަޝްރޫޢެވެ. މި މަޝްރޫޢުގެ ދަށުން އެ ޞަރަޙައްދުގައި ޤާއިމްކުރާ ވިޒިޓާސް ސެންޓަރުގެ ސަބަބުން އެތަނުގެ ޤުދުރަތީ ރީތިކަން ވީހާވެސް ބޮޑަށް ކައިރިން ބަލާލެވޭނެ ފުރުޞަތު ޢާންމުންނަށާއި، އައްޑޫ ސިޓީއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހުޅުވިގެންދާނެއެވެ. އައްޑޫ ސިޓީގެ ފަތުރުވެރިކަމާއި ގުޅިލާމެހިފައިވާ އީދިގަލި ކިޅި ޞަރަޙައްދަކީ އައްޑޫ ސިޓީގެ ރައްޔިތުންނަށާއި އެ ސިޓީއަށް ޒިޔާރަތްކުރާ މީހުންނަށްވެސް ހިތްގައިމުތަނެކެވެ.