ޚަބަރު

ސިފައިންގެ އަހަރީ ބަޑި ޖެހުމުގެ މުބާރާތް ފަށައިފި


އަލްމަރްޙޫމް މޭޖަރ އިނގިރޭސި އުމަރު މަނިކުގެ ހަނދާނުގައި ދިވެހި އަސްކަރިއްޔާއިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ސިފައިންގެ އަހަރީ ބަޑި މުބާރާތް ފަށައިފިއެވެ.

ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ކުރިއަށްގެންދާ މި މުބާރާތް ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ  އާދަމް ޝަރީފް ޢުމަރެވެ.

މި މުބާރާތް ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވީ ސިފައިންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ތަމްރީނުތައް ކުރިއަށްގެންދިއުމަކީ މުހިންމު ކަމެއް ކަމަށެވެ. 

މިނިސްޓަރ ވަނީ ސިފައިންގެ ބަދަހި ލަޝްކަރުން ޤައުމަށް ފޯރުކޮށްދެމުންދާ އިޚުލާސްތެރި ޚިދުމަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ޤައުމަށް ދިމާވާ ކޮންމެ ނާޒުކު ޙާލަތަކުން އަރައިގަތުމަށް ސިފައިން ކުރަމުންގެންދާ ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ.

މިމުބާރާތް ފައްޓަވައި ދެއްވުމުގެ ގޮތުން ބަޑި ޖައްސަވާފައި ވަނީ ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނަރަލް އަޙްމަދު ޝިޔާމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުގެ އިތުރުން ޖެނެރަލް އޮފިސަރުންނެވެ.

އޭޕްރިލް މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި މުބާރާތުގައި ސިފައިންގެ 21 ޔުނިޓަކުން ބައިވެރިވިއެވެ.

އަލްމަރްޙޫމް މޭޖަރ އިނގިރޭސި ޢުމަރު މަނިކަކީ ސިފައިންގެ ޚިދުމަތުގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ، އިޚުލާޞްތެރިކަމާ ވަފާތެރިކަމާއެކު ސިފައިންގެ ބަޑި ގުދަން ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތްކުރައްވާފައިވާ އޮފިސަރެކެވެ.