ޚަބަރު

"އާރތު އަވަރ" ނުވަތަ "ބަވަނަސާޢަތަށް" މުޅި ދުނިޔެ ތައްޔާރު


ދުނިޔެއަށްޓަކައި ގަޑިއިރެއް ފަހަނައަޅާ ދިއުމަށް ކުރިއަށްގެންދާ ކެމްޕެއިން "އާތު އަވަރ" ނުވަތަ "ބަވަނަސާޢަތް" ފާހަގަކުރުމަށްޓަކައި މުޅި ދުނިޔެ މިވަނީ ތައްޔާރުވެފައެވެ.

ހަކަތައިގެ ބޭނުމަށް ތެޔޮ އެންދުމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކަށް ޢާންމުން ހޭލުންތެރި ކުރުމަށް މުޅި ދުނިޔޭގައި ހިންގާ މި ޙަރަކާތަކީ 2007 ވަނަ އަހަރު އޮސްޓްރޭލިޔާގައި ފެށި ހަރަކާތެކެވެ. އެގޮތުން މިއަހަރު މި ޙަރަކާތް ފާހަގަކުރުމަށް ދުނިޔޭގެ 180 ޤައުމަކުން ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. އެގޮތުން ބައެއް ޤައުމުތަކުގައި މިހާރުވެސް އަންނަނީ ހަރަކާތްތައް ހިންގަމުންނެވެ.

މުޅި ދުނިޔެއަށް ފެތުރިގެން ގޮސްފައިވާ "އާރތު އަވަރ" ދުނިޔޭގައި ޕްރޮމޯޓް ކުރަމުން ގެންދަނީ، ދުނިޔެއަށްޓަކައި "ގަޑިއިރެއް ފަހަނައަޅައި" ދިއުމަށެވެ. މާނައަކީ އެއް ގަޑިއިރުގެ އިތުރުންވެސް ކަންތައްތަކެއް ކުރުމެވެ.

މިކަމަށް ޢާންމުންގެ ތަރުހީބު އަހަރަކަށްފަހު އަހަރެއް އިތުރުވެގެންދަނީ، އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން އިންސާނުން ދިރިއުޅެމުން މިދާ ދުނިޔެ ނުރައްކަލަށް ހުށަހެޅި، އޭގެ ގެއްލުންތަކާ އިންސާނުންނަށް ކުރިމަތިލާންޖެހުމާއި ގުޅިގެން، ފަރުދީ ގޮތުން ކަމެއް ކުރުމަށް ލިބޭ ފުރުޞަތަކަށް 'އާރތު އަވަރ" ވެގެންދާތީއެވެ. ދުނިޔެއަށްޓަކައި ގަޑިއެއްހާއިރުވެސް ހޭދަކޮށްލާނެ ފުރުޞަތު ލިބޭކަމަށްޓަކައެވެ.

ދުނިޔޭގެ އެތައް ހާސް ޤައުމަކުން ފާހަގަކުރާ "އާރތު އަވަރ" ރާއްޖޭގައިވެސް ފާހަގަ ކުރާތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. ދެހާސް ނުވަވަނަ އަހަރުން ފެށިގެން އެ ދުވަސް ރާއްޖޭގައި ފާހަގަކުރާއިރު ބައިނަލްއަޤުވާމީ "އާރތު އަވަރ" ކެމްޕެއިން ގުރޫޕުން ވަނީ ރާއްޖެއަށް ކަންޓްރީ މެނޭޖަރަކުވެސް ހަމަޖައްސާފައެވެ.

ރާއްޖެއިން މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މާޗު މަހުގެ 24 ވަނަ ދުވަހުގެ ރޭގަނޑު 20:30 އިން 21:30 އަށެވެ. މިއަހަރުގެ "އާރތު އަވަރ" ގެ ރަސްމީ ޙަރަކާތްތައް ބާއްވާނީ އައްޑޫސިޓީގައެވެ.