ޚަބަރު

3 އަހަރުގެ ތެރޭގައި ދިވެހި އިމާމުން ޑިގްރީ ފެންވަރަށް


ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ މިސްކިތްތަކުގެ އިމާމުން ޑިގްރީ ފެންވަރަށް ތަމްރީނު ކުުރުމަކީ ޢަމާޒެއްކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ މި ޢަމާޒަށް ވާޞިލުވުމުގެ ގޮތުން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ޤައުމީ ޔުނިވަރސިޓީގެ އިތުރުން ރާއްޖެއިން ބޭރުން އިމާމުން ތަމްރީނުކުރަމުން އަންނަކަމަށެވެ.

އިމާމުންގެ ގޮތުގައި މަސައްކަތް ކުރާއިރު މުޖުތަމަޢުގައި ދިމާވާ ދީނީ އަދި އިޖްތިމާޢީ އެކިއެކި މައްސަލަތަކާއި، ގޮންޖެހުންތައް ޙައްލުކުރާނެ ގޮތުގެ މައުލޫމާތުދީ، އިމާމުންގެ ނަފްސު ކުރިއަރުވަން ކުރެވިދާނެ ކަންތައްތަކާ ގުޅޭ ތަފާތު ހުނަރުތަކާއެކު އިމާމުން ތަމްރީނުކުރުމުގެ ތަފާތު ޕްރޮގްރާމުތަކެއް މިހާރުވެސް ސަރުކާރުން ކުރިޔަށްގެންދެއެވެ. 

އެގޮތުން 2014 ވަނަ އަހަރުން ފެށިގެން އިސްލާމިކް މިނިސްޓްރީން އަންނަނީ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒާއި އިސްލާމީ ޔުނިވަރސިޓީގެ އިތުރުން ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން އިމާމުން ތަމްރީނުކުރުމުގެ ތަފާތު އެތައް ޕްރޮގްރާމްތައް ހިންގަމުންނެވެ. އަދި އެތައް އިމާމުންނެއް ރާއްޖެއިން ބޭރުގެ ޤައުމުތަކުން ތަމްރީނުކުރިއެވެ. މިތަމްރީނުތައް އިތުރަށް ފުޅާކޮށް އިމާމުކަމުގެ ދާއިރާއިން މުހިންމު މަސައްކަތްތަކެއް ކުރާ އަދި ހުނަރުވެރި ބަޔަކަށް ރާއްޖޭގެ މިސްކިތްތަކުގެ އިމާމުން ހެދުމަށް މިހާރު މިވަނީ އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުމުގެ މަސައްކަތްވެސް ފައްޓަވާފައެވެ. މިކަމާ ގުޅޭގޮތުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ، ރާއްޖޭގައި މަތީ ތަޢުލީމަށް ކިޔަވައިދޭ ތަންތަނާއި ގުޅިގެން އެތަންތަނުގެ ވަގުތާއި ޙާލަތަށް އެކަށީގެންވާ މިންވަރަކަށް އިމާމުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.  

 "މިހާރު އަޅުގަނޑުމެންގެ އެދުމަކަށް ޤައުމީ ޔުނިވަރސިޓީންވެސް މިހާރުއެވަނީ އިމާމުން ތަމްރޫނުކުރމުގެ މަސައްކަތް ފަށައިގެން ކުރިއަށް.  އެކަމައްޓަކައި މިފުރުސަތުގައި އެޔުނިވަރސިޓީގެ އިސްވެރިންނަށް ޝުކުރު ދަންނަވަން. އެބޭފުޅުންގެ އެކިއެކި ކެމްޕަސްތަކުގައިވެސް މިމަސައްކަތްކުރިއަށް އެބަގެންދަވާ. ހަމައެއާއެކު އިސްލާމީ ޔުނިވަރސިޓީންވެސް ދަނީ އިމާމުން ތަމްރީނުކުރަމުން. ޖުމްލަ ގޮތެއްގައި ރާއްޖޭގައި، މުސްތަގްބަލުގައި އަމާޒަކީ،  ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ރާއްޖޭގައި މިސްކިތްތަކުގައި ތިއްބަވާނީ ޑިގްރީ ފެންވަރުގެ އިމާމުންކަމުގައިވުން" އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީގެ ވިސްނުން ހުރީ މިސްކިތްތައް ބަލަހައްޓަވާ އިމާމުންނަކީ އަރަބި ބަހާއި ބޭރުބަސްތަކަށް ވެސް އަހުލުވެރި ބަޔަކަށް ހެދުމަށްކަމަށާއި، ޑިގުރީ ފެންވަރަށް ކިޔަވައިދޭއިރު، ބައިނަލްއަޤުވާމީ އެކި އެކި ފަރާތްތަކާއި ގުޅިގެންވެސް އިމާމުން ތަމްރީނުކުރުމަށް ތާފާތު އެތައް ޕްރޮގްރާމެއް ހިންގާކަމަށް ޑރ. ޒިޔާދު ވިދާޅުވިއެވެ. އެގޮތުން މައްކާގައި ހުުންނަ އުންމުލް ޤުރާ ޔުނިވަރސިޓީއާއި، މިސްރުގެ ޔުނިވަރސިޓީތަކުގެ އިތުރުން ޢަރަބި ބައެއް އެހެން ޤައުމުތަކާއި ގުޅިގެންވެސް ތަމްރީނުދެމުން އަންނަކަން އިސްލާމިކް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

" މިދިޔަ އަހަރު ސައުދީން 30 އިމާމަކަށްވަނީ ޕްރޮގްރާމްތަކެއްގައި ބައިވެރިކޮށްފައި. އަދި މިއަހަރު އިރާދަކުރެއްވިޔާ އަޅުގަނޑުމެންގެ އަމާޒަކީ، 35 ބޭފުޅުން  ރާއްޖެއިން ބޭރުގައި ތަމްރީނުކުރުން. ދެން ކުރިއަށް އޮތްތަނުގައި އަންނަ ޖުލައި މަހު އިރާދަކުރެއްވިއްޔާ 15 އިމާމުން މިސްރަށް ފުރާނެ. ދެން މީއީވެސް މިކަމުގެ ތެރެއިން އިމާމުންނަށް އިތުރު ތަމްރީނުތައް ދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމްތަކެއް. ހަމައެއާއެކު މިއަހަރުގެ ފަހުކޮޅު ބާކީތިބި މީހުންނަށްވެސް މިފުރުސަތު ލިބިގެންދާނެ" އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ. 

ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނާއި، ޙުޠުބާ ކިޔާ މީހުންގެ ފެންވަރު މަތިކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމުގައި މިދިޔަ އަހަރު އެކަނިވެސް މާލެއާއި އަތޮޅުތަކުން 206 އިމާމުން ވަނީ ތަމްރީނުކޮށްފައެވެ. މީގެ ތެރޭގައި މާލޭ ސިޓީން 54 އިމާމުންނާއި، ފުވައްމުލައް ސިޓީން 31 އިމާމުންނާއި، އައްޑޫ ސިޓީން 47 އިމާމުންނާއި، ލ.އަތޮޅުން 30 އިމާމުން އަދި ހދ.އަތޮޅުން 32 އިމާމުން ވަނީ ކޯސްތައް ފުރިހަމަކޮށްފައެވެ.