ޚަބަރު

ރާއްޖެއާ ޕާކިސްތާނުގެ ގުޅުން އެންމެ ބަދަހިވީ މިސަރުކާރުގައި


ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ޒަމާންވީ ގުޅުން އެންމެ ބަދަހިވީ ރައީސް ޔާމީނުގެ ސަރުކާރުގައިކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ އިސްލާމީ ޖުމްހޫރިއްޔާއަށް 78 އަހަރު ފުރުން ފާހަގަކުރުމަށް ޕާކިސްތާން އެމްބަސީން ރާއްޖޭގައި ބޭއްވި ޚާއްޞަ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ރާއްޖެއާ ޕާކިސްތާނުގެ ގުޅުމަކީ ދެޤައުމު އުފެދުނީީންސުރެ އެކި ގޮތްގޮތުން ޤާއިމުވެފައި އޮތް ގުޅުމެއްކަމަށެވެ. 

މިނިސްޓަރ ވިދާޅުވީ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ އެންމެ ޚާއްޞަކަމަކީ ހަމައެކަނި ދެޤައުމުގައި ހުރި އެއްގޮތް ޘަޤާފަތްތަކާއި، އެއްގޮތް ސިފަތައް އެކަނި ނޫންކަމަށެވެ. އޭގެ އިތުރުން އިސްލާމީ ޢުންމަތަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ދެޤައުމު ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގައި މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދުގައި ޒަމާނުއްސުރެ ޤާއިމުވެފައިއޮތް ގުޅުން ރައީސް ޔާމީނުގެ ވެރިކަމުގެ 4 އަހަރުގެ ތެރޭގައި އެތައް ދާއިރާއަކަށް ފުޅާވެ ބަދަހިވެފައިވާކަމަށެވެ. އެގޮތުން ދެޤައުމުގެ އިސްވެރިން އެއްޤައުމު އަނެއް ޤައުމަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެޤައުމު ގުޅިގެން މަސައްކަތް ކުރެވިދާނެ އިތުރު ދާއިރާތައް މިހާރު ހޯދިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖޭގައި މެޑިކަލް ސްކޫލް ޤާއިމުކުރުމުގެ މަސައްކަތް ޕާކިސްތާނުގެ އެހީގައި މިދަނީ ކުރަމުން. ދެޤައުމުގެ ގުޅުން ވަރަށް ފުރިހަމައަށް ރަމްޒުކޮށްދޭ އެއް ޢިމާރާތް، ޕާކިސްތާނުގެ ހިލޭއެހީގައި އަޅާފައިވާ ރައްޔިތުންގެ މަޖިލިސް ޢިމާރާތަކީ. ޢުމްރާނީ ތަރައްޤީގެ ދާއިރާގެ އިތުރުން ސިއްޙީ ދާއިރާ، ތައުލީމީ ދާއިރާ، އަސްކަރީ ދާއިރާ، އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ ދާއިރާއިން ޕާކިސްތާނުން ރާއްޖެއަށްދޭ އެހީ ދިވެހިރާއްޖެއިން ބަލައިގަންނަން" މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރާއްޖޭގައި ހުންނަވާ ޕާކިސްތާން ސަފީރު ވައިސް އެޑްމިރަލް ރިޓަޔާރޑް ވަސީމް އަކްރަމް ވިދާޅުވީ، ޕާކިސްތާނުން ގެންގުޅޭ ޚާރިޖީ ސިޔާސަތަކީ ޤައުމުތަކުގެ ދާޚިލީ ކަންކަމާ ނުބެހުންކަމަށެވެ. ސަފީރު ވިދާޅުވީ ރާއްޖެއަކީ އިސްލާމީ ޤައުމުތަކުގެ ތެރެއިން އެންމެ އަވަހަށް ކުރިއަރަމުންދާ ޤައުމުކަމުގައި ޤަބޫލުކުރައްވާކަމަށެވެ. އަދި ޕާކިސްތާނުގެ ޚާރިޖީ ސިޔާސަތުގައި ރާއްޖެއަށް ޚާއްޞަ އިސްކަމެއް ދޭކަމަށް ސަފީރު ވިދާޅުވިއެވެ.

ޕާކިސްތާން ޑޭ ފާހަގަކުރަނީ، 23 މާރޗް 1956 ގައި ޕާކިސްތާނުގައި އިސްލާމީ ޖުމްހޫރިއްޔާ އުފެދުން ފާހަގަކުރުމުގެ ގޮތުނެވެ.