ކުޅިވަރު

އާ ކޯޗާއެކު ދިވެހި ޓީމަށް ބައްޔެއް!


އެކުވެރިކަމުގެ މެޗުގައި ސިންގަޕޫރު އަތުން ރާއްޖެ މިއަދު ބަލިވެއްޖެއެވެ. 

ސިންގަޕޫރްގައި ކުޅުނު މިމެޗުން ރާއްޖެ ބަލިވީ 3-2 ލަނޑުންނެވެ. މިމެޗަކީ ރާއްޖޭގެ ޤައުމީ ޓީމްގެ ކޯޗުކަމާ އަލަށް ހަވާލުވި އަފްޣާނިސްތާން ޤައުމީ ޓީމްގެ ކުރީގެ ކޯޗު ސެގާޓްގެ އިރުޝާދުގެ ދަށުން ދިވެހި ޓީމް ކުޅުނު ފުރަތަމަ މެޗެވެ.

 މެޗުގައި ރާއްޖޭގެ ފުރަތަމަ ލަނޑު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ މުހައްމަދު އުމެއިރުއެވެ. ރާއްޖޭގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އިބްރާހީމް މަހުދީއެވެ. އަނިޔާގެ ސަބަބުން ޤައުމީ ކެޕްޓަން އަލީ އަޝްފާގް ނުލާ ކުޅުނު މެޗުގައި ކެޕްޓަންކަން ކުރީ އައްސަދު އަލީ (އަޑުބަރޭ)އެވެ. 

ސިންގަޕޫރާ ދެކޮޅަށް ކުޅުނު މިމެޗްގައި ޒުވާން ތިން ކުޅުންތެރިންކަމަށްވާ މާޒިޔާގެ ޑިފެންޑަރ މުޖްތާޖް މުހައްމަދާއި، ޓީސީގެ އިބްރާހިމް ވަހީދު އަދި ނިއުގެ ރިހާމް އަބްދުލް ޣަނީއަށް ކޯޗު ވަނީ ފުރަތަމަ އެގާރައިން ފުރުޞަތު ދީފައެވެ. އޭގެ އިތުރުން ޒުވާން އެހެން ކުޅުންތެރިންނަށްވެސް ކޯޗު ވަނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ފުރުޞަތު ދީފައެވެ. މެޗުގެ ކުރިން ކޯޗާއެކު މާލޭގައި ޓީމް ކުރީ އެންމެ ޕްރެކްޓިސްއެކެވެ. އަދި ކޯޗު ބުނެފައިވަނީ މިއީ ސިދާ އޭނާގެ ޓީމެއް ނޫންކަމަށާއި، އޭނާގެ އެސިސްޓެންޓް ކޯޗާއި، ޤައުމީ ޓީމްގެ ކުރީގެ އެސިސްޓެންޓް ކޯޗު އިހުސާން އަބުދުލްޣަނީގެ އެހީތެރިކަމާއެކު ނެގި ޓީމެއްކަމަށެވެ.

މެޗަށް ފުރުމުގެ ކުރިން ކޯޗު ސެގަޓް ބުނީ އެކުވެރިކަމުގެ މެޗުތަކަކީ ޓީމް ޓެސްޓްކޮށްލަން ލިބޭ ރަނގަޅު ފުރުޞަތެއްކަމަށާއި، މިދަފަ މެޗުތަކުން ކުޅުންތެރިންގެ ފެންވަރުވެސް ވަރަށް ރަނގަޅަށް އިނގޭނެކަމަށެވެ. ރާއްޖެއާއި ސިންގަޕޫރު މިހާތަނަށް ހަ ފަހަރު ވާދަކޮށްފައިވާއިރު، ހަ މެޗުވެސް ކާމިޔާބުކޮށްފައިވަނީ ސިންގަޕޫރެވެ.