ކުޅިވަރު

މިނިވަން ޗެމްޕިއަންޝިޕްގެ ރ.އަތޮޅު ޗެމްޕިއަންކަން މީދޫ ހޯދައިފި


އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ރ.އަތޮޅުގެ ޗެމްޕިއަންކަން މީދޫ ހޯދައިފިއެވެ. 

މީދޫ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އުނގޫފާރާ ވާދަކޮށް، ފުރިހަމަ ވަގުތު ލަނޑެއް ނުޖެހި ދެޓީމް އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. ޕެނެލްޓީގައި މީދޫ ކުރި ހޯދީ 4-2 ލަނޑުންނެވެ. މުބާރާތުގެ ފައިނަލުގެ ކުރިން މި ދެޓީމް ވާދަކުރި މެޗުވެސް ކާމިޔާބުކޮށްފައިވަނީ މީދޫއެވެ. 

މީދޫ ރ.އަތޮޅުގެ ޗެމްޕިއަންކަން ހޯދުމުން އެޓީމު ވަނީ ޒޯން ބުރަށް ކޮލިފައިވެފައެވެ. ޒޯން ތިނެއްގައި މީދޫގެ އިތުރުން  ބ.އަތޮޅުގެ ޗެމްޕިއަން ފެހެންދޫއާއި، ޅ.އަތޮޅު ޗެމްޕިއަން ނައިފަރެވެ. ޒޯން ތިނެއްގެ ކުޅުން ފަށާނީ އަންނަ އާދިއްތަ ދުވަހުއެވެ.

 މުބާރާތުގައި އިއްޔެ ނ.އަތޮޅުގެ ފައިނަލުގެ ފުރަތަމަ ލެގު މާޅެންދޫ ވަނީ ކާމިޔާބުކޮށްފައެވެ. މަނަދޫއާއި ވާދަކޮށް މާޅެންދޫ މެޗު ކާމިޔާބު ކުރީ 3-2 ލަނޑުންނެވެ. މިދެޓީމް މާޅެންދޫގައި ވާދަކުރާ ދެވަނަ ލެގު ކުޅެނީ މާދަމާއެވެ.