ކުޅިވަރު

ފުރަތަމަ މެޗު ރާއްޖޭގެ އަންހެން ބީޗްވޮލީ ޓީމް ކާމިޔާބުކޮށްފި


އޭވީސީ އޭޝިޔަން 19 އަހަރުން ދަށުގެ ބީޗް ވޮލީ ބޯލް ޗެންޕިއަންޝިޕްގެ ފުރަތަމަ މެޗު ރާއްޖޭގެ އަންހެން ޓީމް ކާމިޔާބުކޮށްފިއެވެ.

 ތައިލެންޑްގައި މިހާރު ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ އަންހެން ޕެއާރ މެޗު ކާމިޔާބުކުރީ މިޔަންމާއާއި ވާދަކޮށް ސީދާ ދެ ސެޓުންނެވެ. އާމިނަތު ރުފެއިދާ އާއި ޝާނިޔާ އަހުމަދު ނިޒާމް މިޔަންމާގެ ޕެއާރގެ މައްޗަށް ކުރި ހޯދީ 21-18 އަދި 21-11 ނެވެ.

މިމުބާރާތުގައި ރާއްޖެއިން ވާދަކުރާ ފިރިހެން ޕެއަރ ވަނީ ފުރަތަމަ މެޗުން ބަލިވެފައެވެ. ރާއްޖޭގެ ދެ ކުޅުންތެރިން އޮމާންއާއި ވާދަކޮށް ބަލިވީ ސީދާ ދެ ސެޓުންނެވެ. ޝާމިލް ހުސެއިން އާއި އާދަމް ޝަނީފްގެ ޕެއާރ އޮމާން އަތުން ބަލިވީ 15-21 އަދި 16-21 ނެވެ.

މިމުބާރާތަށް ތައިލެންޑަށް ދިޔަ ހަތަރު ކުޅުންތެރިންނަކީވެސް މިދިޔަ އަހަރު ކަލާސް އެވޯޑް ހާސިލްކޮށް، މިހާރު ސަރުކާރުގެ ސްކޮލަރޝިޕްގެ ދަށުން މާލޭގައި ކިޔަވަމުންދާ ހަތަރު ދަރިވަރުންނެވެ. އޭވީސީ އޭޝިއަން 19 އަހަރުން ދަށުގެ ބީޗް ވޮލީ ބޯލް ޗެންޕިއަންޝިޕުން ކޮލިފައިވާ ޓީމްތަކަށް އޮލިމްޕިކްގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި އެފްއައިވީބީ 19 އަހަރުން ދަށުގެ ބީޗް ވޮލީ ބޯޅަ މުބާރުގައި ކުޅުމުގެ ފުރުސަތުވެސް ލިބޭނެއެވެ.