ޚަބަރު

ފުލުހުންނަށް ޕްރޮމޯޝަން ދިނުމަށް އައު ޤަވައިދެއް


ފުލުހުންނަށް މަޤާމުގެ ކުރިއެރުން ދިނުމަށް މިހާރު ޢަމަލު ކުރަމުންދާ ޤަވައިދު މުރާޖަޢާކޮށް ގެނައި އާ ބަދަލުތައް ހިމަނައި އަންނަމަހުގެ އެއްވަނަދުވަހުން ފެށިގެން އެއަށް ޢަމަލުކުރަން ފަށާނެކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ސަރުކާރުގެ ގެޒެޓްގައި މިހާރު ޝާޢިއު ކޮށްފައިވާ އައު ޤަވައިދު ބުނާ ގޮތުން މަޤާމުގެ ކުރިއެރުން ދިނުމުގައި މިހާރު ބަލާ ޝަރުޠުތައް ހަމަވުމުގެ އިތުރުން ސުޕަވައިޒަރުން އެކުލަވާލި ރިޕޯޓަށް ބަލަން ޖެހޭނެއެވެ.

އެގޮތުން ފުލުހުންގެ ހުރިހާ ރޭންކެއްގެ ފުލުހުންނަށް ޕްރޮމޯޝަން ދިނުމަށް މިހާރު ކަނޑައަޅާފައިވާ ޤަވައިދުގައި ހިމަނާފައިވާ ކަންތައްތަކުގެ އިތުރުން، އެންމެފަހުން އެ ފުލުހަކު ސުޕަވައިޒުކުރި ތިން ސުޕަވައިޒަރުން، އެ ފުލުހެއްގެ މަސައްކަތުގެ އަޚުލާޤަށާއި، ސީނިއަރ ފުލުހެއްގެ ގައިގައި ހުންނަންޖެހޭ އަސާސީ ސިފަތައް ހުރި މިންވަރަށާއި، ފުލުހުންގެ ޚިދުމަތުގައި ކޮށްފައިވާ ބޮޑެތި ޚާއްޞަ މަސައްކަތްތަކަށާއި ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް އެކުލަވާލާ ރިޕޯޓައް ރިޢާޔަތްކޮށެވެ.

ފުލުހުންނަށް މަޤާމުގެ ކުރިއެރުން ދިނުމަށް މިހާރު ޢަމަލު ކުރަމުންދާ ޤަވައިދު މުރާޖަޢާކޮށް ގެނައި އާ އިސްލާޙުގައި ވަނީ ބައެއް ރޭންކްތަކުގައި ޕްރޮމޯޝަނަށް ޝަރުތު ހަމަވާކަމަށް މިހާރު ކަނޑައަޅާފައިވާ ޝަރުތުތަކުގެ އިތުރުން ބައެއް ލީޑަރޝިޕް ޕްރޮގްރާމްތައް ފުރިހަމަ ކުރުން ޕްރޮމޯޝަން ލިބުމުގެ ޝަރުތެއްގެ ގޮތުގައި އިތުރުކޮށްފައެވެ.

ފުލުހުންނަށް މަޤާމުގެ ކުރިއެރުން ދިނުމަށް ލަފާދިނުމަށާއި ޝަރަފުގެ ނިޝާން އަދި ކުލަ ދިނުމަށް ލަފާދިނުމަށްޓަކައި ބަލަންޖެހޭ ކަންތައްތައް ބެލުމަށް ޚާއްސަ ބޯޑެއް އެކުލަވާލާފައި އޮވެއެވެ. އެބޯޑަކީ ކޮމިޝަނަރ އޮފް ޕޮލިސް ޢައްޔަންކުރާ ފުލުހުންގެ މައްޗަށް އެކުލެވިފައި އޮންނަ ބޯޑެކެވެ.