ޚަބަރު

ރަސްފަންނު އައުޓްޑޯރ ޖިމް އެހެން ތަނަކަށް ބަދަލުކުރަނީ


ރަސްފަންނު ސަރަޙައްދުގައި މަތީ ފެންވަރުގެ ފްލެޓްތަކެއް އެޅުމަށް ނިންމާފައިވާތީ، ފްލެޓް އަޅާ ސަރަޙައްދުގައި ހުރި ރަސްފަންނުގެ އައުޓްޑޯރ ޖިމް އެހެން ސަރަޙައްދަކަށް ބަދަލުކުރަން ހައުސިންގ މިނިސްޓްރީން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީން ރަސްފަންނު ސަރަޙައްދުގައި ހަރުކޮށްފައިވާ ނޯޓިސް އެއްގައި ބުނެފައިވަނީ ކޮރަލް ބްލެވާޑް އެޕާޓްމަންޓް ބިލްޑިންތައް އަޅަން، ޖިމް ނެގުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި އެތަން ބަދަލުކުރަން ނިންމާފައި ވަނީ ރަސްފަންނުގެ އުތުފަރާތަށް ކަމަށެވެ.

އެތަން ހެދުމަށްޓަކައި ރަސްފަންނުގެ އެސަރަހައްދުގައި ހުރި ތަންތަން މިހާރު ވަނީ ހުސްކުރަން ފަށާފައެވެ. އޭގެ ތެރޭގައި އެސަރަޙައްދުގައި ހުރި ފުޓްސަލް ދަނޑުވެސް ހިމެނެއެވެ.

ސިންގަޕޫރުގެ ޗަންހުއާ އިން ހަދާ މަތީ ފެންވަރުގެ ފްލެޓް ޢިމާރާތްތަކުގައި އެޕާޓްމަންޓް، ހޮޓާ އަދި ޝޮޕިން މޯލްވެސް ހިމެނެއެވެ. 350 ފްލެޓް ހިމެނޭ 25 ބުރީގެ ހަތަރު ޓަވަރު އަޅަން ޗަންހުއާ އާއި ހަވާލުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ.