ވިޔަފާރި

ބެޔަސް ނުބެޔަސް ސްކީމުން މި ހަފްތާތެރޭ 5 އުޅަނދަކަށް ފައިސާ ދޫކުރަނީ


 


 


މަސްވެރިކަން ދަށް ދުވަސްވަރު މަސްވެރިންނަށް އާމްދަނީ ލިބޭ ގޮތަށް ސަރުކާރުން ދޫކުރަން ތައާރަފު ކުރި ބެޔަސް ނުބެޔަސް ސްކީމްގެ ދަށުން ފަސް އުޅަނދަކަށް މި ހަފްތާގެ ތެރޭގައި ފައިސާ ދޫކުރަން ފަށާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.


 
އެ މިނިސްޓްރީން ބުނީ މި ފަސް އުޅަނދުގައި ވެސެލް މޮނިޓަރިންގ ޑިވައިސް ހަރުކޮށްފައިވާކަމަށާއި މިއިން ކޮންމެ އުޅަނދެއްގައި ވިހި މަސްވެރިންނާއެކު ޖުމްލަ ސަތޭކަ މަސްވެރިން ހިމެނޭކަމަށެވެ.


 
މީގެ އިތުރުންވެސް ތިރީސްފަސް ފަރާތަކުން ފޯމް ހުށަހަޅާފައިވާކަމަށާއި އެ ފަރާތްތަކުގެ ފޯމްތައް ޕްރޮސެސްކުރަމުންދާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.


 
ބެޔަސް ނުބެޔަސް ސްކީމްގެ ދަށުން ފަސްދޮޅޮސް ފަސް ފޫޓަށް ވުރެ ބޮޑެތި އުޅަނދުފަހަރުތަކުން މަހަށް ދާ ކޮންމެ މަސްވެރިއަކަށް 10000 ރުފިޔާ ލިބެއެވެ. މި ކެޓަގަރީގައި ހިމެނޭ މަސްވެރިން ޕްރިމިއަމްގެ ގޮތުގައި ސްކީމަށް ދައްކަން ޖެހެނީ 500 ރުފިޔާއެވެ. އެއީ އަހަރަކަށް ބަލާ ނަމަ ގާތްގަނޑަކަށް 6000 ރުފިޔާއެވެ.



އަދި 45 ފޫޓާއި 65 ފޫޓާއި ދެމެދުގެ އުޅަނދުފަހަރުގައި މަހަށް ދާ މަސްވެރިންނަށް މަހަކު 5000 ރުފިޔާ ލިބޭނެއެވެ. އެ ބައިގައި ހިމެނޭ މަސްވެރިން ޕްރިމިއަމްގެ ގޮތުގައި ދައްކަން ޖެހެނީ މަހަކު 400 ރުފިޔާއެވެ.


 
 


45 ފޫޓުން ދަށުގެ އުޅަނދު ފަހަރުގައި މަހަށް ދާ މީހުންނަށް ލިބޭނީ 3500 ރުފިޔާ އެވެ. އެ ކެޓަގަރީގައި ހިމެނޭ މަސްވެރިން ޕްރިމިއަމްގެ ގޮތުގައި 350 ރުފިޔާ ދައްކަން ޖެހެއެވެ.