ކުޅިވަރު

ކަލާރސް އެވޯޑް ހޯދި 4 ދަރިވަރުން ތައިލެންޑަށް!


އޭވީސީ އޭޝިޔަން 19 އަހަރުން ދަށުގެ ބީޗް ވޮލީ ބޯލް ޗެންޕިއަންޝިޕްގައި ވާދަކުރަން ރާއްޖޭގެ ޒުވާން ހަތަރު ކުޅުންތެރިން ތައިލެންޑަށް ހިނގައްޖެއެވެ.

 މިމުބާރާތުގައި ވާދަކުރަން ތައިލެންޑަށް ދިޔައީ އަންހެން އަދި ފިރިހެން ދެ ކުޅުންތެރިންނެވެ. މިމުބާރާތަށް ތައިލެންޑްއަށް ދިޔަ ހަތަރު ކުޅުންތެރިންނަކީވެސް މިދިޔަ އަހަރު ކަލާސް އެވޯޑް ހާސިލްކޮށް، މިހާރު ސަރުކާރުގެ ސްކޮލަރޝިޕްގެ ދަށުން މާލޭގައި ކިޔަވަމުންދާ ހަތަރު ދަރިވަރުންނެވެ. މިމުބާރަތަށް ދިޔަ އަންހެން ދެ ކުޅުންތެރިންނަކީ އާމިނަތު ރުފެއިދާ އާއި ޝާނިޔާ އަހުމަދު ނިޒާމްއެވެ. ފިރިހެން ދެ ކުޅުންތެރިންނަކީ ޝާމިލް ހުސެއިން އާއި އާދަމް ޝަނީފްއެވެ.

ތައިލެންޑްގައި އޮންނަ އޭވީސީ އޭޝިއަން 19 އަހަރުން ދަށުގެ ބީޗް ވޮލީ ބޯލް ޗެންޕިއަންޝިޕުން ކޮލިފައިވާ ޓީމްތަކަށް އޮލިމްޕިކްގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި އެފްއައިވީބީ 19 އަހަރުން ދަށުގެ ބީޗް ވޮލީ ބޯޅަ މުބާރުގައި ކުޅުމުގެ ފުރުސަތުވެސް ލިބޭނެއެވެ. ޓީމްގެ ކޯޗަކީ އިސްމާއީލް ޝަރީފެވެ.

މުބާރާތް އޮންނާނީ މިމަހުގެ 25 ން 27 އަށެވެ. ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ މިއީ ޒުވާން ކުޅުންތެރިންނަށް ހުޅުވިގެން ދިޔަ ފުރުސަތެއްކަމަށާއި، މިފަހަރުގެ މުބާރާތުން ޒުވާން ހަތަރު ކުޅުންތެރިންނަށް ފުރުސަތު ދިނީވެސް ކުރިމަގަށް ވިސްނާފައިކަމަށެވެ. އަދި ކުރިއަށް އޮތްތާނގައިވެސް މިފަދަ ފުރުސަތުތައް ވޮލީ ބޯލް އެސޯސިއޭޝަނުން ފަހިކޮށްދެމުންދާނެކަމަށް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވިއެވެ.