ޚަބަރު

ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި


މިދިޔަ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި އިޢުލާންކޮށްފައި އޮތް ކުއްލި ނުރައްކަލުގެ ހާލަތު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނިމުމަކަށް ގެންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރ އާޒިމާ ޝަކޫރު ވިދާޅުވީ ސާޅީސް ފަސްދުވަހުގެ މައްދަތަކަށް ދިގު ދެމިގެންދިޔަ ކުއްލި ނުރައްކަލުގެ ހާލަތު މިއަދު މްންދުރު 12:00 ފެށިގެން ރައީސުލްޖުމްހޫރިއްޔާ ނިމުމަކަށް ގެންނަވާފައިވާކަމަށެވެ.ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނަވާ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އިއްވެވި ބަޔާނުގައި ވިދާޅުވެފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ އެއްވަނަދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން ދިވެހި ދައުލަތުގެ ދުސްތޫރީ އޮނިގަނޑު ހަލާކުވެ ޤާނޫނު އަސާސީގެ ބޭރުން ދިވެހި ދައުލަތް ހިންގުމަށް މަގުފަހިވެގެން ދިޔަކަމަށެވެ. އަދި ޤާނޫނު އަސާސީގެ ބޭނުން ނެތިދާ ހިސާބަށް ކަންތައްގޮސް  ޤައުމުގެ ސަލާމަތަށް ގޮންޖެހުން ކުރިމަތިވެ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމަށް ޤައުމީ ސަލާމަތު ކޮމިޓީން އެމަނިކުފާނަށް ލަފާދެއްވިކަމަށް އެ ބަޔާނުގައިވެއެވެ.

ފެބުރުއަރީ 5 ގައި އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގެ ތެރޭގައި ފަނަރަ ދުވަސް ހަމަވުމާ ހަމައަށް ދިޔައިރު 1 ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި، އަދި އެ އަމުރު ނެރުމުގައި ކަން ހިނގާފައިވާގޮތާއި، އޭގެ ފަހުން ކަން ހިނގި ގޮތުގެ މައްޗަށް ކުރެވުނު ތަޙުޤީޤުތަކުން އެކަމުގައި ޝާމިލްވެފައިވާ ފަރާތްތަކުން ހިންގާފައިވާ އަމަލުތަކަކީ ރާއްޖޭގެ މިނިވަންކަމަށް ބޮޑެތި ނުރައްކާތައް ކުރިމަތިކުރިމަތިވާނެ، އަދި ޤައުމަށް އެންމެ މަތީ ދަރަޖާގައި ޚިޔާނަތްތެރިވެފައިވާ އަމަލުތަކެއްކަމަށް ފެންނަން އޮތްކަމަށްވެސް ރައީސްގެ ބަޔާނުގައިވެއެވެ. 

މީގެ އިތުރުން ޤައުމީ ސަލާމަތީ ބާރުތަކަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބެލިއިރު، 1 ފެބުރުއަރީގައި އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތަށް ބަދަލެއް އައިސްފައި ނުވާކަމަށާއި، އެހެންކަމުން ޤައުމީ ސަލާމަތީ މަޖިލީހުގެ ލަފާގެ މަތިން 20 ފެބުރުއަރީގައި އިތުރު ތިރީސްދުވަސް އިތުރުކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާ ފާސްކުރެއްވިކަމަށްވެސް ރައީސްގެ ބަޔާނުގައިވެއެވެ. 

އަދި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރުމާއި އެ މުއްދަތު އިތުރުކުރުމުގައި ކުރިމަތިވި ޤައުމީ ސަލާމަތުގެ ހާލަތު މުޅިން ފިލާ ނުދިޔަ ނަމަވެސް އެ ހާލަތު އިތުރުނުކޮށް ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ގެއްލުމެއް ނުދީ ކުރިއަށް ގެންދެވޭނެކަމަށް ޤައުމީ ސަލާމަތާ ބެހޭ މުއައްސަސާތަކުން ލަފާދީފައިވާކަމަށްވެސް ކުއްލި ނުރައްކަލުގެ ހާލަތު އުވާލައްވާ ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤާރާރުގައިވެއެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރުމަކީ ސަރުކާރުން ބޭނުންވިކަމެއް ނޫންކަމަށާއި، އެ ހާލަތު އިއުލާންކުރެވުނީ ޤައުމުގެ ސަލާމަތާއި ދައުލަތާއި ރައްޔިތުންގެ ސަލާމަތަށް ކޮންމެހެން ބޭނުންވާކަމަކަށްވާތީކަމަށްވެސް ރައީސް ޔާމީންގެ ބަޔާނުގައިވެއެވެ.