ބޫޓާން މެޗުގެ ފަހުން ޒުވާން ކުޅުންތެރިން ހޯދަން އަތޮޅު ތަކަށް ދާނެކަމަށް ޕީޓާ ސެގަޓް ބުނެފިއެވެ. 
 
ޤައުމީ ސްކޮޑާއެކު އޭނާގެ ފުރަތަމަ މެޗަށް ނިކުންނަން ސިންގަޕޫރަށް ފުރުމުގެ ކުރިން ޤައުމީ ކޯޗު ބުނީ މިއީ ބަދަލުވާނެ ސްކޮޑެއް ކަމަށާއި، ކުޅުންތެރިން ހޯދަން މުޅި ރާއްޖެއަށް ހަތަރު ހަފްތާ ނުވަތަ ދެ ހަފްތާއަށް ދަތުރު ކުރުމަށް ގަސްތު ކުރާކަމަށެވެ. އޭނާ ޤަބޫލު ކުރާ ގޮތުގައި ރާއްޖޭގެ ފުޓުބޯޅަ ކާމިޔާބާ ހަމައަށް ގެންދެވޭނީ ހަމައެކަނި މާލެއިން ނޫން ކަމަށާއި، އަތޮޅު ތަކުންވެސް ކުޅުންތެރިން ހޯދަން ޖެހޭކަން ސެގަޓް ފާހަގަކުރިއެވެ.
 
" އަހަރެން ބޭނުން ރާއްޖެއަށް މެސެޖެއްދޭން. އަހަރެން ދާނަން. ބޫޓާން މެޗަށްފަހު އަހަރެން ކުޅުންތެރިން ހޯދަން ދަތުރު ކުރާނަން. އެކީގަ އަހަރެމެން އެއް އަހަރު ނުވަތަ ދެ އަހަރު ތެރޭ ވަރަށް ވަރުގަދަ ޤައުމީ ޓީމެއް އުފައްދާނަން، ހުރިހާ ކުޅުންތެރިންނަށްވެސް ވަނީ ފުރުސަތު ހުޅުވިފަ " ސިންގަޕޫރަށް ފުރުމުގެ ކުރިން ކޯޗު ބުންޏެވެ.
 
ކޯޗު މިމޭރުމުން ވާހަކަދެއްކި އިރު ޤައުމީ ފުޓްބޯޅަ ޓީމް މިހާރުވެސް ޑޮމިނޭޓްކުރަނީ އަތޮޅުތަކުގެ ކުޅުންތެރިންނެވެ. އަދި އަތޮޅު ތަކުގައި ބާއްވާ ތަފާތު މުބާރާތްތަކުން ހުނަރުވެރި ކުޅުންތެރިން އަންނަނީ ފާހަގަކުރެވެމުންނެވެ.
 
ސިންގަޕޫރާ ދެކޮޅަށް ރާއްޖެ މާދަމާ ހަވީރު ނިކުންނައިރު ބޫޓާނާ ދެކޮޅަށް ރާއްޖެ ނުކުންނާނީ މިމަހު 27 ވަނަ ދުވަހުއެވެ.