ކުޅިވަރު

ޤައުމީ ޓީމް ސިންގަޕޫރުގައި، އަޝްފާޤެއް ނުދޭ!


ކެޕްޓަން ދަނގަޑޭ ނުލާ ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް ސިންގަޕޫރަށް ހިނގައްޖެއެވެ.

 މާދަމާ ސިންގަޕޫރުގެ ޤައުމީ ޓީމާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް އަލީ އަޝްފާޤު، ދަގަނޑޭ ޓީމާއެކު ނުދިޔައީ އަނިޔާގައި ހުރުމުންކަމަށްވެއެވެ. ނަމަވެސް އިއްޔެ އޮތް ޓީމްގެ ޕްރެކްޓިސްގައިވެސް އަޝްފާޤު ބައިވެރިވިއެވެ. އަދި ތޭވީސް ކުޅުންތެރިންގެ ސްކޮޑްގައިވެސް އަޝްފާޤުގެ ނަން އޮތެވެ. 

ޓީމާ ދާދި ފަހުން ހަވާލުވި ޕީޓާ ސެގަޓްގެ އިރުޝާދުގެ ދަށުން 22 ކުޅުންތެރިންނާއެކު ޒުވާން ސްކޮޑް ސިންގަޕޫރަށް ފުރީ އާ ދިހަ ކުޅުންތެރިންވެސް ގޮވައިގެންނެވެ. އޭގެ ތެރޭގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމެނެއެވެ. ޤައުމީ ޓީމްގެ ކޯޗް ޕީޓާ ސެގަޓް ބުނީ ސްކޮޑް އެކުލަވާލީ އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑައިރެކްޓަރ އިހުސާން އަބުދުލްޣަނީ، ސާންތީ އާއި ޤައުމީ ޓީމްގެ އެސިސްޓެންޓް ކޯޗުކަމާ އަލަށް ހަވާލުވި އަހުމަދު ޝާކިރުގެ އެހީތެރި ކަމާ އެކުކަމަށެވެ. 

ސިންގަޕޫރު ޓީމަކީ ވަރުގަދަ ޓީމެއް ކަމަށާއި، ރާއްޖެއަށް މިހާތަނަށް ސިންގަޕޫރު އަތުން ޕޮއިންޓެއް ހޯދިފައި ނުވާކަން ފާހަގަކުރަމުން ކޯޗު ބުނީ އަމާޒަކީ ސިންގަޕޫރު އަތުން ޕޮއިންޓެއް ހޯދުން ކަމަށެވެ. އަދި ސިންގަޕޫރު މެޗުގައި ރަނގަޅު ފުޓްބޯޅައެއް ކުޅެ، މިމަހު 27 ވަނަ ދުވަހު ބޫޓާން އަތުން ނަތީޖާ ނެރުން މުޙިއްމުކަމަށް ކޯޗު ބުންޏެވެ.

"މިތާނގަ އަދި މިވީ އެންމެ ދިހަ ދުވަސް، މިއީ ފުރަތަމަ ސްކޮޑް. ސާންތީ އާއި އެސިސްޓެންޓް ކޯޗް އެހީވި، ސިންގަޕޫރަކީ ވަރަށް ވަރުގަދަ ޓީމެއް. އަހަރެންގެ އަމާޒަކީ އެއް ޕޮއިންޓް ގެނައުން. އަމާޒަކީ ރަނގަޅު ގޭމެއް ކުޅުން، ބޫޓާނާ ދެކޮޅަށް ބަލާނީ ނަތީޖާ ނެރެވޭތޯ" ކޯޗު ބުންޏެވެ.

ސިންގަޕޫރާ ދެކޮޅަށް ނިކުންނަ މެޗަކީ ސެގަޓް ކޯޗުކަމާ ހަވާލުވެ، އާ ޓީމް އެކުލަވާލި ފަހުން ކުޅޭ ފުރަތަމަ މެޗެވެ. ސެގަޓްގެ އިރުޝާދުގެ ދަށުން ކުޅޭނެ ދެވަނަ މެޗަކީ އޭޝިއަން ކަޕްގައި ކޮލިފައިންގައި އަންނަ ހަފްތާގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗެވެ.