ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުގެ ވަކީލުންނާ ގުޅޭގޮތުން ހަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނޭކަމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ބުނެފިއެވެ.
ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕީޖީ އޮފީހުގެ ޕްރޮސެކިއުޓަރުންގެ އަބުރަށް ހުތުރުވާގޮތަށް ބައެއް ފަރާތްތަކުން ހަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރަމުންދާކަމަށެވެ. ޕީޖީ އޮފީހުގެ ބަޔާނުގައި ހަޤީޤާތާ ޚިލާފު ވާހަކަތައް ފަތުރަނީ ވަކި ވަކި މައްސަލަތަކުގައި ކޯޓަށް ދާ ޕްރޮސެކިއުޓަރުންނަށް އަމާޒުކޮށްކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ޕްރޮސެކިއުޓަރުން މައްސަލަތަކުގައި ކޯޓަށް ހާޒިރުވަނީ އަމިއްލަ ހައިސިއްޔަތުން ނޫންކަމަށާއި އެކަންކަން ތަރުތީބުކުރަނީ ޕީޖީ އޮފީހުންކަމަށްވެސް ބަޔާނުގައިވެއެވެ. އެހެންކަމުން މިފަދަ އަމަލުތައް ތަކުރާރުކުރާ ނަމަ އެކަމާއި ގުޅިގެން އަޅަންކެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް ޕީޖީގެ އޮފީހުން ބުނެއެވެ.
ޕީޖީ އޮފީހުގެ ބަޔާނުގައި ދައުވާކުރުމަށް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ޒިންމާއަކީ ޤާނޫނުއަސާސީން އެމުޢައްސަސާއަށް މަތިކޮށްފައިވާ ޒިންމާއަކަށްވާއިރު، އެޒިންމާ އަދާކުރަނީ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށްވެސް ޕީޖީގެ ބަޔާނުގައިވެއެވެ.