ޚަބަރު

ބްރިޖުގެ ތަނބުތައް ގުޅާލުމުގެ މަސައްކަތް ފަށައިފި


ބްރިޖުގެ ތަނބުތައް ގުޅާލުމަށް އަޅާ ސްޓީލް ބޮކްސް ގަރޑަރތައް ބެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ. 

ސްޓީލް ބޮކްސް ގަރޑަރތައް ބަހައްޓައި ނިމުމާއިއެކު ބްރިޖްގެ ސުޕަރ ސްޓްރަކްޗަރގެ މަސައްކަތް އެއްކޮށް ނިމޭނެއެވެ. ސްޓީލް ބޮކްސް ގަރޑަރ ބީމް ތަކުގެތެރޭގައި ހިމެނެނީ 50 މީޓަރުގެ ދެ ބީމާއި 22 މީޓަރުގެ އެއް ބީމެވެ. ޗައިނާގައި އުފައްދާ ތައްޔާރު ކޮށްގެން ގެނައި މި ބީމްތައް ރާއްޖެ ގެނައީ މިމަހުގެ 9 ވަނަ ދުވަހުއެވެ. ޖުލައި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ބީމްތައް ބެހެއްޓުމުގެ ހުރިހާ މަސައްކަތެއް ނިމޭނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

ބްރިޖްގެ މަސައްކަތް ނިމި ބޭނުން ކުރަން ފެށުމުން މާލެ-ހުޅުލެ-ހުޅުމާލޭގެ ދަތުރުފަތުރުގެ ނިޒާމު އެއް ވިއުގައަކުން ގުޅާލެވިގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ ބުރިޖުގެ ހުރިހާ މަސައްކަތް ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އެއްކޮށް ނިންމުމެވެ.