ޚަބަރު

މިޞްރު ޤުރްއާން މުބާރާތަށް 12 އަހަރުގެ މުސްޠަފާ


މިސްރުގެ ޤާހިރާގައި ބާއްވާ 25 ވަނަ ބައިނަލް އަޤުވާމީ ޤުރުއާން މުބާރާތުގައި ރާއްޖެ  ތަމްސީލުކުރާ އަލްޙާފިޒް މުޙައްމަދު މުސްޠަފާއާއި އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒިޔާދު ބައްދަލުކުރައްވައިފިއެވެ. 

މިމަހުގެ 24 އިން 29 އަށް ޤާހިރާގައި ބާއްވާ މިމުބާރާތުގައި ރާއްޖެ ތަމްސީލްކުރާ ބ.އޭދަފުށީ ޖަންބުމާގެއާގެ މުޙައްމަދު މުސްޠަފާއަކީ ޢުމުރުން އެންމެ 12 އަހަރުގެ ޙާފިޒެކެވެ. މުސްޠަފާ ޙާފިޒަކަށް ވެފައިވަނީ އޭނާގެ ޢުމުރުން އެންމެ 11 އަހަރުގައެވެ.

މި މުބާރާތުގައި ވާދަކުރުމަށް މުސްޠަފާ ހޮވުނީ ކީރިތި ޤުރްއާނާބެހޭ މަރުކަޒުން އެ މުބާރާތުގައި ވާދަކުރާނެ ބައިވެރިއަކު ހޮވުމަށް ކުރި އިޢުލާނާ ގުޅިގެން ކުރިމަތިލީ ކުދިންގެ މެދުގައި ބޭއްވި އިމްތިޙާނަކަށްފަހުއެވެ.

އިސްލާމިކް މިނިސްޓަރީގައި މުސްޠަފާއާއި އޭނާގެ ޢާއިލާއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓަރ ވަނީ މިޞްރުގައި ބާއްވާ މިފަދަ މުބާރާތްތަކަކީ ރާއްޖެއިން އަބަދުވެސް ވަނަ ތައް ޙާސިލުކުރާ މުބާރާތްތަކެއްކަން ފާހަގަކުރައްވައި، މިމުބާރާތުގައި ރަނގަޅު ވަނައަކާއެކު ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް އެދިވަޑައިގެންފައެވެ.  އަދި އަލްޙާފިޒް މުސްޠަފާ އަކީ ހުނަރުވެރި ޤާބިލު ކުއްޖެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި ޤުރްއާން މުބާރާތުގައި ބައިވެރިވުށް މަހާރު މުސްޠަފާ ވަނީ މިސްރަށް ފުރާފައެވެ.

ކީރިތި ގުރުއާން ކިޔެވުމާއި އުނގެނުމުގެ ދާއިރާއިން އެންމެ މައްޗަކަށް ދިއުމުގެ އަޒުމުގަ އިންޑިޔާގައި ކިޔަވަމުން އަންނަ މުސްތަފާ ވަނީ މިދިޔަ ރޯދަމަހު އޭދަފުށީގައި އިމާމުވެ ތަރާވީޙް ނަމާދުވެސްކޮށްފައެވެ. މިއާއެކު އޭނާއަށްވަނީ އެތައް ބައެއްގެ ސަމާލުކަމާއި ލޯބި ލިބިފައެވެ.