ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން އެއްކުރި ފައިސާ ބަންގްލަދޭޝް ރެޑްކްރެސެންޓްގެ އެކައުންޓަށް ޖަމާކޮށްފިއެވެ.
ރޮހިންޔާ ފަންޑުގެ ފައިސާއާއި ގުޅޭގޮތުން ބައެއް މީޑިއާތަކުގައި ވަކި ބަޔަކު ބަދުނާމުވާގޮތަށް ހަޤީޤަތާއި ޚިލާފުވާހަކަތައް ފަތުރާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙުމަދު ޒިޔާދު ވިދާޅުވީ ފައިސާ ޖަމާކުރުމުގައި ލަސްވީ ކުރިމަތިވި ބައެއް އިދާރީ މައްސަލަތަކާ ހެދިކަމަށެވެ. އަދި އެކަން ހައްލުކޮށް ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ދިވެހިން އެއްކުރި ފައިސާއިން އެހީ ލިބިގެންދާނެ ގޮތްތަށް ހޯދުމަށް މަސައްކަތް ކުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"ވޭތުވެދިޔަ ދުވަސްތަކުގައިވެސް އަޅުގަނޑުމެން މަސައްކަތްކުރަމުން ދިޔައީ ފަންޑުގައި ހުރި ފައިސާ ރެޑްކްރެސެންޓުގެ އެކައުންޓަށް ޖަމާކުރުމަށް. ދެން ހުރި އިދާރީ ދަތިކަންތައްތަކާއެކީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިއަދު މިވަނީ ހަމަ މަސައްކަތް ނިންމާލެވި، ހުރިހާ ފައިސާއެއް ރެޑްކްރެސެންޓުގެ އެކައުންޓަށް ޖަމާކުރެވިފައި." މިނިސްޓަރ ޒިޔާދު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓަރ ވިދާޅުވީ، ރޮހިންޔާ ފަންޑުގެ ފައިސާއާއި ގުޅޭގޮތުން އެމިނިސްޓްރީއާއި ކަމާއި ގުޅުންހުރި އެއްވެސް ފަރާތެއްގެ ރަސްމީ ބަހެއް ނެތި ރައްޔިތުންނަށް އޮޅޭގޮތަށް ބައެއް މީޑިޔާތަކުން ވަކި ބައެއްގެ އަބުރު ގެއްލޭގޮތަށް މަޢުލޫމާތު ފަތުރާފައިވާކަމަށެވެ. އަދި މިކަން ތަޙްޤީގްކޮށް ބަލައިދިނުމަށް ކަމާގުޅުން ހުރި މުޢައްސަސާތަކުގައި އެދިފައިވާނޭކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.
"އެއަރޓިކަލް ޖެހުމުގެ އެއްދުވަސް ކުރިން އެބޭފުޅުން އަޅުގަނޑަށް ގުޅި. އަޅުގަނޑު ބުނިން އޭގެ ތަފްސީލު ހޯދާފައި މާދަމާ މަޢުލޫމާތު ދޭނެކަމަށް. އެހެން ނަމަވެސް އެދުވަހު އެބޭފުޅުން ނުގުޅާ. ދެން އާޓިކަލް ޖެހި ދުވަހު އަޅުގަނޑު ބައްދަލުވުމެއްގައި އިންދާ ގުޅީ، އެވަގުތު އަޅުގަނޑަށް ފޯނު ނެގޭގޮތްނުވި. އެބައްދަލުވުން ނިންމާފައި ނިކުތްއިރު އެއާޓިކަލް އިނީ ޖަހާފައި. އަޅުގަނޑުގެ ބޮޑު ފޮޓޯއެއް ޖަހާފައި. މިއީ އަޅުގަނދުމެން އެކަމުގައި އުޅުނު ދެވަޒީރުންގެ އަބުރު ކަތިލުމަށްޓަކާ ކުރިކަމެއްގެ ގޮތުގައި އަޅުގަނޑަށް ޤަބޫލުކުރެވުނީ. އެހެންވީމަ އެމައްސަލަ ބަލާ ތަހްޤީޤުކުރުމަށް ކަމާގުޅޭ މުއައްސަސާއަށް މިހާރުވާނީ ހުށައަޅާފައި" މިނިސްޓަރ ޒިޔާދު ވިދާޅުވިއެވެ.
މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ވިދާޅުވީ ރޮހިންޔާ ފަންޑުގެ ފައިސާ ބަންގްލަދޭޝްގައި ހުންނަ ރެޑް ކްރެސެންޓްގެ އެކައުންޓަށް ޖަމާކޮށްދިނުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ބީއެމްއެލްގައި އެދިފައިވާކަމާއި، ބޭންކުގެ އެކައުންޓަށް ފައިސާ ޖަމާކުރިކަން އާންމުކޮށް އިއުލާންކޮށްފައިވަނިކޮށް އެ ފައިސާތައް ވީތަނެއް ނޭނގުނު ކަމަށް ބުނުމަކީ ޒިންމާދާރުކަން ކުޑަކަމެއް ކަމަށެވެ.