ސިއްހަތު

އެމްއެންޔޫ ނަރސިންގ ސްކޫލްގެ 67 ދަރިވަރުން ދަސްވެނިވެއްޖެ


ޤައުމީ ޔުނިވަރސިޓީގެ ނަރސިންގ ސްކޫލްގައި ކިޔަވަމުންދާ 67 ދަރިވަރުން ދަސްވެނިވެ ނަރުސްކަމުގެ ހުވާކޮށްފިއެވެ.

ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައި ނަރުހުންނަށް ހުވާލައި ދެއްވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ ޝުޖާއުއެވެ. ހުވާލާއި ދެއްވުމަށް ފަހު ނަރުހުންނާ މުޚާތަބު ކުރައްވަމުން މައިމޫނާ ވިދާޅުވީ ނަރުހުންގެ ޒިންމާއާއި މަސްއޫލިއްޔަތަކީ އުޖޫރައަށް ބަލައިގެން ކުރެވޭނެ މަސައްކަތެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި މަސައްކަތްކުރާ ހިތުން ބަލިމީހުންނަށް ޚިދުމަތްކުރުމުގެ މަތިވެރި ޢަޒުމުގައި މަސައްކަތްކުރުމަށް ނަސޭޙަތްތެރިވިއެވެ.



ނަރސިންގ ސްކޫލުން ފަސްދޮޅަސް ހަތް ނަރުހުން ދަސްވެނިވިއިރު މިހާރުވެސް އެ ސްކޫލްގައި ކިޔަވަމުންދާ 313 ނަރުހުން ވަނީ މިދަރިވަރުންނާއެކު ހުވާކޮށްފައެވެ. ނަރސިންގ ސްކޫލުން ބުނީ މިދަރިވަރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މަސައްކަތް ކުރާނެކަމަށާއި ވަޒީފާ ހަމަޖެހެންދެން މާލެ ސަރަޙައްދުގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަރސިންގ ސްކޫލުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކަކީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ބޭނުންވާ ނަރުހުން ތަމްރީނުކުރުމަށް އަމާޒްކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމްތަކެކެވެ.