ކުޅިވަރު

ޔޫވީ ކޮޅަށް 5 ލަނޑު ޖަހައިގެން ސުޒޭނަށް ހަމަޖެހުމެއް!


ފޯވާޑް ރޮލޭންޑް ރަސެލް ބިލާލް ޔުނައިޓެޑް ވިކްޓްރީ ކޮޅަށް ޖެހި 4 ލަނޑާ އެކު މެޗުން މޮޅުވެ، ކުލަބް ގްރީން ސްޓްރީޓްސް އެސްޓީއޯ މާލޭ ލީގު ތާވަލްގެ ފަސްވަނައަށް ޖެހިލައިފިއެވެ. 

ފުރަތަމަ ދެ މެޗު ކާމިޔާބުކޮށްފައިވާ ޔުނައިޓެޑް ވިކްޓްރީގެ މައްޗަށް ރޭ ކްލަބް ގްރީން ސްޓްރީޓްސް ކުރި ހޯދީ 5-0 ނެވެ. ބިދޭސީ ފޯވާޑް މެޗުގައި ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ އަރިމަތިން ނެގި ހުރަސްތަކުންނެވެ. އަނެއް ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ. ގްރީންގެ ފަހު ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔާ އިބްރާހީމް ޝަފްރާޒުއެވެ. މެޗުގައި ޔޫވީއަށް ލިބުނު މަދު ފުރުސަތުތަކުގެ ތެރެއިން ރަފީނިއާއި، އަލީ ހައިޝަމް ފޮނުވާލީ ބޯޅަ ގޯލާ އަމާޒެއްނުވިއެވެ.

މިއީ ސީޒަންގައި ގްރީން ސްޓްރީޓްސް މޮޅުވި ފުރަތަމަ މެޗެވެ. މެޗުން މޮޅުވެގެން ތާވަލްގެ އެއްވަނައަށް ޖެހިލަން ފުރުޞަތު އޮތް ނަމަވެސް ރޭގެ މެޗުގައި ޔުނައިޓެޑް ވިކްޓްރީ ފެނުނީ ދަށްކޮށެވެ. ޚާއްޞަކޮށް ޑިފެންސްލައިނުން މިސްޓޭކް ހެދިކަން ކޯޗު ނަޒީހުވެސް ފާހަގަކުރިއެވެ. ރޭގެ މޮޅާއެކު ގްރީން ސްޓްރީޓްސް ފަސްވަނައަށް ޖެހިލީ ހަތަރު މެޗުން ފަސް ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑް ވިކްޓްރީ އޮތީ ތިން މެޗުން ހަ ޕޮއިންޓާއެކުއެވެ.

މެޗަށްފަހު ކުލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ ލީގު ބެރޭކަށް ދިމުމުގެ ކުރިން ތިން ޕޮއިންޓް ލިބުމުން ހިތްހަމަޖެހިއްޖެކަމަށާއި، ޚާއްޞަކޮށް މެޗުގެ ނަތީޖާއަށް ވުރެ، ކޯޗު ބޭނުންވި ގޮތަށް ޓީމްގެ ކުޅުންތެރިން ކުޅުމުން މާ ހިތްހަމަޖެހޭކަމަށެވެ.

"މިމެޗުން އެންމެ ބޮޑު ފައިދާއެއް ގްރީންއަށް ކުރީ އަރިމައްޗަށް ކުޅޭ ކުޅުންތެރިން ހަލުވިވުމުން، އެކުޅުންތެރިންގެ ބޭނުން ވަރަށް ބޮޑަށް މެޗުގައި ހިފުނު. ގިނަ ގޯލްތަކެއް ވަނީ އަސްލު ޔޫވީއަށް މެޗުގެ މުހިންމުކަން ބޮޑުވެގެން، އެޓީމް މާބޮޑަށް ކުރިއަށް ކޮށްޕާލައިގެން ކުޅެން އުޅުމުން. ޔޫވީގެ ކުޅުންތެރިން މާބޮޑަށް ކުރިއެރީމަ ގްރީންއަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެން ދިޔައީ." މެޗަށްފަހު ސުޒޭން ބުންޏެވެ.

ޔުނައިޓަޑް ވިކްޓްރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ މެޗުގައި ފެނިގެން ދިޔައީ ވަރަށް ގިނަ މިސްޓޭކްތަކެއް ޔޫވީގެ ކުޅުންތެރިން ހެދިތަންކަމަށެވެ. މެޗުގެ ވަރަށް ކުރީކޮޅު ބިދޭސީ ފޯވާޑް ބާލަން ޖެހުމާއި، ކުރިއަށް ކުޅެމުންދިޔަ ނާވީ ބަދަލު ކުރުމުންވެސް މެޗުގެ ކޮންޓްރޯލް ގެންލިގެންދިޔަކަމަށެވެ. އަދި ރޭގެ މެޗުގައި ޔޫވީގެ ކުޅުންތެރިންގެ ފަރާތުން ފެނުނު މިސްޓޭކްތައް ވަރަށް ބޮޑަށް ރަނގަޅު ކުރަންޖެހޭކަމަށްވެސް ނަޒީހު ބުންޏެވެ.

"މެޗުގައި ޔޫވީއަށް މާބޮޑު ކަމެއް ކުރެވިފައެއް ނެތް. ވަރަށް ގިނަ މިސްޓޭކްތައް ހަދަމުން ދިޔައީ. ސްކޫލް ކުދިން ހަދާކަލަހަ މިސްޓޭކްތައް މިފެނިގެންދިޔައީ. ގްރީންއިން ޖެހި ގިނަ ގޯލްތައް އަރިމަތިން ހުރަސްކޮށްގެން ޖެހި އިރު، ކޮންމެ ފަހަރަކު ކަހަލަގޮތަކަށް އެބައިނގޭ އެހަދަން އުޅޭ އެތި.  އެވަރުންވެސް އެހަމަލާ ހުއްޓުވޭ ގޮތް ނުވި ޔޫވީގެ ކުޅުންތެރިންނަށް. ކުރިއަށް ކުޅޭ ފޯވާޑް މެޗުގެ ވަރަށް ކުރީކޮޅުގައި ބާލަން ޖެހުމުން އެއީވެސް ދިމާވި ވަރަށް ބޮޑު މައްސަލައެއް." ނަޒީހު ބުންޏެވެ.

ނަޒީހު ބުނީ މިއީ މާޔޫސްވެގެން ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫންކަމަށާއި، މިއީ މިލިބޭ ބްރޭކްގައި އެކަންތައްތައް ރަނގަޅުކޮށް، ކުރިއަށް ހުރި މެޗުތަކަށް ވިސްނަންވީ ވަގުތުކަމަށެވެ. ދެން ކުރިއަށް އޮތް ނިއު މެޗަށް މިއަށް ވުރެ ރަނގަޅަށް ތައްޔާރުވާންޖެހޭނެކަމަށްވެސް ނަޒީހު ބުންޏެވެ.