ޚަބަރު

އަލީ ހަމީދާއި އިލްހާމް ޝަރީއަތް ނިމެންދެން ބަންދަށް


ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސުޕްރީމްކޯޓްގެ ފަނޑިޔާރު އަލީ ހަމީދު ޝަރީއަތް ނިންމެދެން ބައްދުގައި ބެހެއްޓުމަށް ކުރިމިނަލްކޯޓުން މުއްދަތު ޖަހައިފިއެވެ. 

އަލީ ހަމީދުގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލާފައެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ކުށުގެ ދައުވާއާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއާއި އަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ. 

މި މައްސަލަތަކުގައި ދައުވާކުރުމަށް ކޯޓަށް ހުށައެޅުމަށްފަހު ޕީޖީ އޮފީހުން ނެރެފއިވާ ބަޔާނުގައި ބުނެފައިވަނީ ޝަރުއީ ކޯޓްތަކުގެ ފަނޑިޔާރުންނަށް މަސައްކަތަށް ނުފޫޒު ފޯރުވައި ވަކިވަކި މައްސަލަތަކުގައި ވަކިކަހަލަ ނިންމުންތަކެއް ގެނައުމަށް ބައެއް ފަރާތަކުން ދިން ރިޝްވަތުގައި ހިފައިފައިވާކަމުގެ ހެކިލިބިފައިވާކަމަށެވެ. 

img:http://s3.psmnews.mv/images/660x400/15216069199009.JPG|ބަންދުގެ މުއްދަތުގެ މަޖިލީހަށް އިލްހާމު ހާޒިރުކުރަނީ / ފޮޓޯ ޕީއެސްއެމް

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލްކޯޓުން ވަނީ މުއްދަތު ދީފައެވެ. އިލްހާމްގެ މައްޗަށްވެސްވެސް ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. 

ސަރުކާރު ވައްޓާލަން މަސައްކަތްކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފަރާތަށް އިއްޔެ ވަނީ މަުއްދަތުގެ ޖެހުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. އޭގެތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ކޮމިޝަަނަރ  އޮފް ޕޮލިސް އަހުމަދު އަރީފާއި ރައްޔިތުން މަޖިލީހުގެ ދެ މެންބަރުކަމަށްވާ ފާރިސް މައުމޫނާއި އަބްދުﷲ ސިނާން ހިމެނެއެވެ. އެހެންނަމަވެސް މި ފަރާތްތަކުގެ ބަންދުގެ މަޖިލިސް ވަނީ ކެންސަލުކޮށްފައެވެ. މި ފަރާތްތަކުގެ ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ކޯޓަށް ގެނައުމަށްވެސް ވަނީ ނިންމާފައެވެ.