ޚަބަރު

ޗައިނާއަށް ފާޑުކިޔުމުގެ އުޞޫލު ދޫކޮށްލަންޖެހޭ


ވެރިކަމުގައި ހުންނައިރު ޗައިނާއާއެކު ގުޅުން ބާއްވަން ތާޢީދުކުރުމަށްފަހު، ވެރިކަމުން ފޭބުމަށްފަހު ޗައިނާއަށް ފާޑު ކިޔުމުގެ އުޞޫލު ދޫކޮށްލުމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގޮވާލައްވައިފިއެވެ.

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިޒޯންގް މިކަމަށް ގޮވާލެއްވީ، ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ ސަންއޮންލައިންގައި އިއްޔެ ޝާއިޢުކުރި އެމަނިކުފާނުގެ ލިޔުއްވުމެއްގައެވެ. 

ސަން އޮންލައިންގައި ޝާއިޢުކުރެއްވި އާޓިކަލްގައި ޗައިނާ ސަފީރު ޒަންގް ލިޒޯންގް ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމާއި، އެގުޅުން ބިނާވެގެންވާ އަސާސްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ދެ ޤައުމުގެ ގުޅުމަކީ ސިޔާސީ މަންފާތަކެއް ހޯދުމުގެ ބަދަލުގައި، ތަރައްޤީއާއި ކުރިއެރުމަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިގުޅުމުގެ ތެރެއިން ނިންމާ ނިންމުންތަކަކީ ފުޅާދާއިރާއެއްގައި މަޝްވަރާކުރެވި، ދެ ފަރާތަށް ފައިދާވާނެ ގޮތަށް، ބައިނަލްއަޤްވާމީ އުޞޫލުތަކުގެ ތެރެއިން ނިންމާ ނިންމުންތަކެއްކަމަށްވެސް ޗައިނާ ސަފީރު ފާހަގަކުރެއްވިއެވެ.

img:http://s3.psmnews.mv/images/660x400/15127244501834.jpg|ޗައިނާގެ ރައީސް ޝީ ޖިންޕިންގ(ކ)، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް(ވ)- ފައިލް ފޮޓޯ؛ ރައީސް އޮފީސް

ސަފީރުގެ އާޓިކަލްގައި ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ ތެރެއިން ހާޞިލުކުރަމުންދާ ކާމިޔާބީތަކާއި އަންނަމުންދާ ތަރައްޤީއާއި ކުރިއެރުން ފާހަގަކުރެއްވިއެވެ. މިގޮތުން މާލެ ސަރަޙައްދުގެ ތަރައްޤީއަށް ބޮޑެތި ކުރިއެރުންތަކެއް ގެނުވާނެ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ނިމެންކައިރިވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢާ ކުރިއަށްދާއިރު، ހުޅުމާލޭގައި ޗައިނާ ސަރުކާރުން އަޅާފައިވާ ފްލެޓްތަކާއި ލާމު ލިންކު ރޯޑުގެ މަސައްކަތް ދިވެހި ރައްޔިތުން ބަލައިގެންފައިވާކަން ޗައިނާ ސަފީރު ފާހަގަކުރެއްވިއެވެ. މިހުރިހާ މަޝްރުޢޫތަކަކީ ދިވެހި ރައްޔިތުންނަށް ތަރައްޤީގެ ރޮނގުން ބޮޑެތި ކުރިއެރުންތަކެއް ގެނުވާނެ މަޝްރޫޢުތަކެއްކަންވެސް ސަފީރު ފާހަގަކުރެއްވިއެވެ.

ސަފީރުގެ އާޓިކަލްގައި ޗައިނާއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަކީ ޒަމާނުއްސުރެ އެއްގޮތެއްގައި ބަދަލެއް ނައިސް އޮންނަ ގުޅުމެއްކަމަށާއި، ކުރިއަށް އޮތްތާނގައިވެސް އެގުޅުން ދާނީ އިތުރަށް ވަރުގަދަވެގެންކަމަށް ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/15059183144772.jpg|ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕްގެ މަސައްކަތް ބައްލަވާލެއްވުމަށް މިނިސްޓަރ މުއިއްޒުއާއި ޗައިނާ ސަފީރު ބްރިޖު ސައިޓުގައި / ފޮޓޯ: ޕީއެސްއެމް

ނަމަވެސް ބައެއް ފަރާތްތަކުން ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމާއި ގުޅޭގޮތުން ހަޤީޤަތާއި ޚިލާފު ވާހަކަތައް ފަތުރާކަން ފާހަގަކުރެއްވިއެވެ. މިގޮތުން ޗައިނާއިން ރާއްޖޭގެ ބިމަށް ވެރިވެގަންނަން މަސައްކަތްކުރާކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދައްކާއިރު، މިދިޔަ ހަތަރު އަހަރު ޔޫރަޕާއި އެހެނިހެން ސަރަޙައްދުތައް ހިމެނޭ ގޮތަށް 30 ޤައުމަކުން ރާއްޖޭގެ 124 ރަށުގައި ފަތުރުވެރިކަމާ ގުޅޭ އިންވެސްޓްމަންޓްތައް ޤާއިމްކޮށްފައިވާއިރު، ޗައިނާގެ އިންވެސްޓްމަންޓްތަކުގެ އަދަދު އުޅެނީ 7 ގައިކަމަށް ޗައިނާ ސަފީރު ފާހަގަކުރެއްވިއެވެ.

ސަފީރުގެ އާޓިކަލްގައި ޗައިނާއިން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމަށް ލޯނު ދެނީ މަކަރުވެރިކަމެއްގެ ތެރެއިންކަމަށް ބުނެ ދައްކާ ވާހަކަތަކަށްވެސް ރައްދުދެއްވާފައެވެ. މިގޮތުން ޗައިނާއިން ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދޭން ފެށީ މިވެރިކަމުގައި ނޫންކަމާއި ވަރަށް ކުރިން ފެށިގެން ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަކަށް ޗައިނާއިން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ސަފީރު ވިދާޅުވިއެވެ. މިގޮތުން 2010 ވަނަ އަހަރު ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ބިނާކުރި ޤައުމީ ދާރުލްއާޘާރާއި، ހުޅުމާލޭގައި 1000 ހައުސިންގ ޔުނިޓް ޤާއިމްކުރުމުގެ މަޝްރޫޢަކީ ރައީސް ނަޝީދު ސަރުކާރުގައި ކުރެވުނު މަސައްކަތްތަކެއްކަން ސަފީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އިނގިރޭސިވިލާތް ފަހަތަށް ޖައްސާލުމަށްފަހު، ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމަކަށް ޗައިނާ ވެގެންދިޔައީވެސް ރައީސް ނަޝީދުގެ ވެރިކަމުގައިކަން ޗައިނާ ސަފީރު ފާހަގަކުރެއްވިއެވެ.

img:http://s3.psmnews.mv/images/660x400/14765223820315.jpg|ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ބިނާކޮށް، 2010 ވަނަ އަހަރު ހުޅުވި ޤައުމީ ދާރުލްއާސާރު

ޗައިނާ ސަފީރު ޒަންގް ލިޒޯންގް ފާހަގަކުރެއްވި ސަރުކާރުގެ އިސް މަޤާމުތައް އަދާކޮށްފައިވާ ފަރާތްތަކުން ޗައިނާއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމާ ގުޅޭގޮތުން މިފަދަ ހަޤީޤަތާއި ޚިލާފު ވާހަކަ ދެއްކުން ހުއްޓާލަންޖެހޭކަމަށް ވިދާޅުވިއެވެ. އެހެން ނޫންނަމަ އެފަދަ ވާހަކަތަކުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ ތަރައްޤީއަށް މުސްތަޤްބަލުގައި ނޭދެވޭ އަސަރުތައްކުރުމަކީ ދުރުކަމެއް ނޫންކަމަށްވެސް ޗައިނާ ސަފީރު ވިދާޅުވިއެވެ.