ޚަބަރު

"ކޯޓު އަމުރަކީ ރާވައިގެން ސަރުކާރު ވައްޓާލަން ނެރުނު އަމުރެއް"


ފެބްރުއަރީ އެކެއްގައި ސްޕްރީމް ކޯޓުން ނެރުނު އަމުރަކީ، ދިވެހިރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ވައްޓާލުމުގެ ބޭނުމުގައި ދުރާލާ ރާވާ ޕްލޭނެއްގެ ދަށުން ވަކިބަޔަކު މަންފާތަކެއް ހާސިލްކުރުމަށް ނެރެފައިވާ އަމުރެއްކަން ސާފުވާކަމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ހާމަކޮށްފިއެވެ. ޕީ.ޖީ އޮފީހުން މިކަން ހާމަކޮށްފައިވަނީ، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތަޙްޤީޤް ނިންމާ އެ މީހުންްގެ މައްޗަށް ދަޢުވާކުރުމާއި ގުޅޭ ގޮތުން އެ އޮފީހުން ނެރުނު ބަޔާނެއްގައެވެ. 

މިބާޔާނުގައި ބުނެފައިވަނީ، ޤާނޫނީ ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި ދުރާލާ ރާވައިގެން ވަކި ބަޔަކު ގުޅިގެން އެބައި މީހުންނަށް ލިބިފައިވާ މަންފާތަކާއި ލިބެން އޮތް މަންފާގެ ބޭނުމުގައި އެފަރާތްތަކުން ހިފާފައިވާ ރިޝްވަތުގެ ފައިސާގެ މުޤާބިލުގައި ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ޢަމުރު ނެރެފައިވާކަން ހާމަވާ ކަމަށެވެ. އަދި އަމުރު ތަންފީޒްކުރުމަށް ތައްޔާރުވުމުގެ ގޮތުން ދައުލަތުގެ އެކިއެކި މުއައްސަސާތައް އެ މުއައްސަސާތައް ހިންގަމުން އަންނަ އުސޫލުން ބޭރުން، އެތަންތަނުގައި ތިބި ބައެއް ފަރާތްތަކުން ކަންކަން ހިންގާ އިންތިޒާމް ކޮށްފައިވާ ކަން އެނގެން އޮތްކަމަށެވެ.

މިގޮތުން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި އޭރު ހުރި އަޙްމަދު އަރީފުގެ ބޭނުން ހިފައިގެން ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން އަމުރު ނެރެންވާއިރަށް އެ އަމުރު ތަންފީޒުކުރުމަށް ކަންކަން އިންތިޒާމްކޮށް، ފުލުހުންގެ އުޞޫލުތަކާއި ޚިލާފަށް އެއިދާރާގެ އޮޕަރޭޝަންތަކަށް ބޮޑެތި ބަދަލުގެނެސް، އަރީފް ބޭނުންވާ ބަޔަކު އެއްތަނަކަށް ގެނުވައި، އެބަޔަކު ލައްވައި ފުލުހުންނާއި ކުރިމަތިލައި، ޤައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކުރިކަން ހޯދުނުކަމަށް ބަޔާނުގައި ފަހަގަ ކޮށްފައިވެއެވެ.

އަދި މިމައްސަލައިގެ ތުހުމަތުކުރެވުނު ފަރާތްތަކާއި އެފަރާތްތަކާއި ގުޅުންހުރި ފަރާތްތަކުން ބޭރުގެ ޤައުމަކުން ގަނެފައިވާ ޕްރޮޕަޓީތަކަށް މިލިޔަނުން ޑޮލަރު ދީފައިވާކަމާއި، އެކަމާއި ގުޅޭގޮތުން 20 ޑިސެމްބަރު 2017 ގައި ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރު ސޮއިކޮށް ފޮނުވާފައިވާ ސީޓިއެއް ފެނިފައިވާކަން ޕީ.ޖީ އޮފީހުންވަނީ ހާމަކޮށްފައެވެ. މީގެ އިތުރުންވެސް ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީން ފައިސާގެ މަންފާވެރިންނަކީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓާއާއި އާއިލީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ގުޅުންހުރި މީހުންކަން ހާމަވެފައިވެއެވެ. 

ހަމައެހެންމެ މިމައްސަލާގައިި ތުހުމަތުކުރެވޭ ފަރާތްތަކުން އެމީހުންގެ މަޤްޞަދު ޙާސިލްކުރުމައްޓަކައި، ޝަރުޢީ ކޯޓްތަކުގެ ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ވަކިވަކި މައްސަލަތަކުގައި ވަކިކަހަލަ ނިންމުނަތަކެއް ގެނައުމަށްވެސް މަސައްކަތްކޮށްފައިވާކަމުގެ ހެލި ލިބިފައިވާކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށްވެސް ރިޝްވަތު ދީ، އަދި ބައެއް މެންބަރުން ރިޝްވަތުގެ ފައިސާއާ ހަވާލުވިކަން ތަހްޤީގަށް ހަވާލާދީ ޕީ.ޖީ އޮފީހުގެ ބަޔާނުގައި ފާހަގަކޮށްގައިވެއެވެ.