ޚަބަރު

މައުމޫނާއި ފަނޑިޔާރުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ


ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައިީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރަން ޕީޖީ އޮފީހުން ކުރިމިނަލްކޯޓަށް ފޮނުވައިފިއެވެ. 

ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ހިލާފަށް ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތަހުގީގު ނިންމާ އެ މީހުންްގެ މައްޗަށް ދައުވާކުރުމާއި ގުޅޭ ގޮތުން ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފއިވަނީ ނުވަ މީހެއްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ އުފުލާފައިވާކަމަށެވެ. އެގެތެރޭގައި ކުރީގެ ރައީސް މަައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައިދާއި ފަނޑިޔާރު އަލީ ހަމީދާއި މައުމޫންގެ ދަނބިދަރިފުޅު މުހައްމަދު ނަދީމާއި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް ހިމެނެއެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނުގެ މައްޗަށްވެސް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ކުށުގެ ދައުވާއެވެ.

މައުމޫން އަބްދުލް ޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތައް: 

* ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ކުށުގެ ދައުވާ

* އަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ 

 އަބްދުﷲ ސާއިދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް:

* ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ކުށުގެ ދައުވާ

* އަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ 

* ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ

* ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ

އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް:

* ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ކުށުގެ ދައުވާ

* ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ

* އަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ 



ޓެރަރިޒަމްގެ ދައުވާގެ އިތުރުން އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށްވަނީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާވެސް އުފުލާފައެވެ. އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދުގެ މައްޗަށް ވެސް ވަނީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. 

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ. 

މި މައްސަލައިގެ ތަހުގީގަށް ކޯޓް އަމުރެއްގެ ދަށުން ފުލުހުން ހަސަން ސައީދު ހައްޔަރުކުރުމަށްޓަކައި އެނާ ހޯދާކަން އެނގިހުރެ ފުލުހުންނަށް ހާޒިރުވެފައިނުވާތީ ހަސަން ސައީދުގެ މައްޗަށް ޤާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާވެސް ވަނީ އުފުލާފައެވެ. 

މައްސަލަައާއި ގުޅުންހުރި ހެކި މައުމޫން އަބްދުލް ޤައްޔޫމާއި އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ފޯނުގައިވާކަމަށް ބެލެވިގެން ފޯނު ދިނުމަށް އެންގުމުން ފޯނު ދީފައިނުވާތީ މި 3 މީހުންގެ މައްޗަށް އަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާވެސް ވަނީ އުފުލާފައެވެ.