ޚަބަރު

"ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް" އުފައްދައިފި


"ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް" ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މިއަދު އުފެއްދެވި މިކުންފުންޏަކީ ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް (ޖީ.އައި.އެލް) އާއި ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީ.ސީ.އެލް) އެއްކޮށް، ދެ ކުންފުނިން ކުރަމުންގެންދިޔަ މަސައްކަތް އެއްކުންފުންޏެއްގެ ދަށުން ކުރިއަށް ގެންދިއުމަށްޓަކައި އުފެއްދެވި ކުންފުންޏެކެވެ.

ތިލަފުށި ކޯޕަރޭޝަނަކީ މާލެ ސަރަޙައްދުގައި އުފެދޭ ކުނި ތިލަފުށްޓަށް ގެންގޮސް ނައްތާލުމާއި، އެރަށުން ބިން ކުއްޔަށް ދިނުމާއި ސިނާއީ އެހެނިހެން މަސައްކަތް ބަލެހެއްޓުމަށް 2009 ވަނަ އަހަރު ސަރުކަރުން އުފައްދާފައިވާ ކުންފުންޏެކެވެ.

ގުޅިފަޅަކީ 2010 ވަނަ އޭރުގެ ސަރުކާރުން އިންޑިޔާގެ ކުންފުންޏަކާ ހަވާލުކޮށްގެން މީހުން އާބާދުކުރުމުގެ މަޤްޞަދުގައި ހިއްކާފައިވާ ރަށެކެވެ. އަދި އެރަށުގައި ބޯހިޔާވަހިކަމާއި އެނޫންވެސް ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ވަނީ ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފައްދާފައެވެ.

"ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް" ގެ ނަމުގައި  ސަރުކާރުން އުފެއްދި ކުންފުނީގެ ބޯޑަށް ޢައްޔަންކުރި މެންބަރުންގެ ތަފްސީލް އަދި ހާމަކޮށްފައެއްނުވެއެވެ.