ޚަބަރު

އެއްވުންތަކާ ގުޅިގެން ބަންދުކޮށްފައި ތިބީ 9 މީހުން - ފުލުހުން


މިދިޔަ ފެބުރުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލޭގައި އިދިކޮޅު ފަރާތްތަކުންބޭއްވި އެއްވުންތަކުގައި ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ތިބީ 9 މީހުންކަމަށް ފުލުހުން ބުނެފިއެވެ. 

ފުލުހުން ބުނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމާއި، ހުއްދަނޫން ސަރަހައްދުތަކަށް އެއްވުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެތެރެއިން މިވަގުތު ބަންދުގައި ތިބި 9 މީހުންނަކީ 8 ފިރިހެނުންނާއި އަންހެނެއް ކަމަށެވެ. އޭގެ ތެރެއިން އެކަކު ގޭބަންދަށް ބަދަލުކޮށްފައިވާކަަމަށްވެސް ފުލުހުން ބުނެއެވެ.

މި 9 މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ 3 މެންބަރުންވެސް ހިމެނެއެވެ. މި އެންމެންވެސް ބަންދުގައި ބެހެއްޓުމަށް  ކޯޓުން ވަނީ ބަންދުގެ މުއްދަތު ޖަހައިދީފައިކަމަށް ފުލުހުން ބުނެއެވެ. އިދިކޮޅުންފަރާތްތަކުން މާލޭގައި ބާއްވާ ސިޔާސީ އެއްވުންތަކަކީ ޣައިރުޤާނޫނީ ޙަރަކާތްތަކެއްކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ. އެހެންކަމުން އެކަމަށް އެއވެސް ފުރުޞަތެއް ނުދޭނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.