ޚަބަރު

ފުނަދޫ އެއާޕޯޓުގެ ބިން، ހަފްތާއެއްގެ ތެރޭގައި ހިއްކައި ނިމޭނެ


ށ.ފުނަދޫގައި ހެދުމަށް ހަމަޖެހިފައިވާ އެއަރޕޯޓު ހެދުމަށް އެރަށު ފަޅު ތެރެއިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ %99 މަސައްކަތް މުޅިން ނިމިފައިވާކަމަށް ފުނަދޫ ކައުންސިލުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހީމް ވިދާޅުވީ އެއަރޕޯޓު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ބާރު ދުވެލީގައި އެމްޓީސީސީގެ ފަރާތުން ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތުގެ ނުނިމިވާ ސަރަޙައްދުގެ މަސައްކަތް ހަފްތާއެއްގެ ތެރޭގައި މުޅިން ނިންމާލެވޭނެ ކަމަށެވެ.

ކުރިން 21 ހެކްޓަރުގެ ސަރަޙައްދެއް ހިއްކައިގެން ހެދުމަށް ހަމަޖެހިފައިވާ ފުނަދޫ އެއަރޕޯޓުގެ މަޝްރޫއަށް މިހާރު ވަނީ 40 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކާފައެވެ. އެގޮތުން ރަށުގެ ފަޅު ތެރެއިން ބޮޑު ބައެއް ހިއްކައި ނިމިފައިވާ ކަމަށް ފުނަދޫ ކައުންސިލުން ބުނެއެވެ.

އަހުމަދު ވިދާޅުވީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކައި ނިމުމާއެކު ރަންވޭގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާއި އަދި އެ މަސައްކަތަށް ބޭނުންވާ ސާމާނު ދެ ދުވަހެއްގެ ތެރޭގައި އެރަށަށް ގެންނާނެ ކަމަށްވެސް އެމްޓީސީސީން ބުނެފައިވާކަމަށެވެ.

ފުނަދޫ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާއިރު، އެމަސައްކަތް ކުރުމަށް އެމްޓީސީސީން ހަވާލުވެފައިވަނީ 105 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އެގޮތުން އެއަރޕޯޓްގެ ރަންވޭ އާއި އޭޕްރަން އަދި ޓެކްސީވޭ އޮގަސްޓް މަހުގެ 24 ގެ ނިޔަލަށް ނިންމާނެ ކަމަށްވެސް އެމްޓީސީސީއާ ހަވާލާދީ ފުނަދޫ ކައުންސިލުން ބުނެއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ފުނަދޫގައި ހެދުމަށް ހަމަޖެހިފައިވާ އެއަރޕޯޓު ރަންވޭގެ ދިގު މިނުގައި 1200 މީޓަރު ހުންނާނެއެވެ.