ކުޅިވަރު

ޓީސީގެ ފުރަތަމަ މޮޅާއެކު ކޯޗަށް ހަމަޖެހުމެއް!


ވެލެންސިޔާ ބަލިކޮށް، މޮޅެއް ހޯދައިގެން ޓީސީ ބްރޭކަށް ގޮސްފިއެވެ. 

އެސްޓީއޯ މާލޭ ލީގުގައި މޮޅަކަށް ބޭނުންވެފައި އޮތް ދެޓީމް ވާދަކުރި މެޗު ރޭ ޓީސީ ކާމިޔާބުކުރީ 3-0 ނެވެ. މެޗުގައި ޓީސީގެ ތިން ލަނޑުވެސް ޖެހީ ދިހަ މިނިޓް ތެރޭގައެވެ. ފުރަތަމަ ލަނޑު 60 ވަނަ މިނިޓްގައެވެ، އަދި އޭގެ ހަ މިނިޓް ފަހުން ދެވަނަ ލަނޑުވެސް އިޝާން އިބްރާހީމް ޖެހީ ގޯލްގެ އިރުމަތީ ކަނަށް ތިރިން ފޮނުވާލައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ ދެ ލަނޑު ޖެހީ ވެލެންސިޔާގެ ކީޕަރަށް އެއްވެސް ފުރުޞަތެއް ނުދީއެވެ. ތިންވަނަ ލަނޑު އެނަޓޯލީ ޖެހީ ހާފްގެ މެދަކާ ހިސާބުން ފޮނުވާލި ބާރު ބޯޅަ ގޯލްގެ ހުޅަނގު ފަރާތު މަތީ ކަނަށް ފޮނުވާލައިގެންނެވެ. މީގެ އިތުރުންވެސް ލަނޑު ޖަހާނެ ފުރުޞަތުތައް ޓީސީން ތަނަވަސްކުރިއެވެ. ހެޓްރިކް ހެދުމަށްވެސް އިޝާންއަށް ފުރުޞަތު ލިބުނެވެ. 

މެޗަށްފަހު ހިތްހަމަ ޖެހިފައި ހުރި ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް ބުނީ މެޗުން މޮޅުވީ، އޭނާ ހިތްހަމަ ޖެހޭގޮތަށް ކުޅުންތެރިން ކުޅެ މަސައްކަތްކޮށްގެންކަމަށެވެ. މުޅި މެޗަށް ބަލާއިރުވެސް ކުޅުންތެރިންނާމެދު ޝަކުވާކުރާނެ ޖާގައެއް ނެތްކަމަށެވެ.

" ވަރަށް ރަނގަޅަށް ކުޅުންތެރިން މަސައްކަތް ކުރީ، އެއްވެސް ފުރުޞަތެއް ނުދީ. ވަރަށް ހިތްހަމަޖެހޭ މެޗެއް މިއީ، ދެން އޮތީ މީތި މިގޮތަށް މެއިންޓެއިން ކުރުން " މެޗަށްފަހު ކޯޗު ނިޒާމް ބުންޏެވެ.

ވެލެންސިޔާގެ ކޯޗު ޞޮބާހު މުޙައްމަދު ބުނީ ފުރަތަމަވެސް ފާހަގަކުރަން ބޭނުންވަނީ ޓީސީގެ ކުޅުން ކަމަށާއި، ޓީސީ މޮޅުވީ މޮޅަށް ކުޅެގެންކަމަށެވެ. ވެލެންސިޔާއާ އޭނާ ހަވާލުވީވެސް ޗެލެންޖާއި، ރިސްކް ނަގަންކަމަށާއި، އެޓީމްގެ ހާލަތު އެނގިގެންކަމަށެވެ. އަދި ފަހުވަގުތާ ހަމައަށްވެސް މަސައްކަތްކުރާނެކަމަށެވެ.

" ފަހު ވަގުތާ ހަމައަށްވެސް މަސައްކަތް ކުރާނަން. ނުވާނެއެކޭ ނުބުނާނަން. އަދި ބައިވަރު މެޗުތަކެއްވެސް އެބަހުރި. މިޓީމްގެ ހާލަތު އެނގިގެން ރިސްކު ނަގަން އަޅުގަނޑު ހަވާލުވީވެސް " މެޗަށްފަހު ޞޮބާ ބުންޏެވެ.

ރޭގެ މޮޅާއެކު ޓީސީ ވަނީ ހަތަރު ޕޮއިންޓާއެކު ފަސްވަނައަށް ޖެހިލާފައެވެ. ވެލެންސިޔާ އޮތީ ޕޮއިންޓަކާއެކު ފުލުގައެވެ.